ޚަބަރު

ކުވައިތު އިންޓަރނޭޝަނަލް ޤުރްޢާން މުބާރާތުގައި ބައިވެރިވުމަށް މިޝްއަލްޝާމިން ކުވައިތަށް


ކުވައިތުގައި ބާއްވާ 9 ވަނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އަލްޙާފިޒް ޢާދަމް މިޝްއަލް ޝާމިން ކުވައިތަށް ފުރައިފިއެވެ.

މިމަހުގެ އެގާރައިން އަށާރައަށް ކުވައިތުގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އއ.ތޮއްޑޫ ފިނިވާގެ އާދަމް މިޝްއަލް ޝާމިންއަކީ ޢުމުރުން 17 އަހަރުގެ ޙާފިޒެކެވެ. މި މުބާރާތުގައި ވާދަކުރުމަށް މިޝްއަލް ހޮވުނީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އެ މުބާރާތުގައި ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލީ ކުދިންގެ މެދުގައި ބޭއްވި އިމްތިޙާނަކަށްފަހުގައެވެ.

މިޝްއަލް ހިފްޒްކަމުގެ ސަނަދު ހާސިލްކޮށްފައިވަނީ ދެހާސް އެގާރަވަނަ އަހަރު ކީރިތި ޤްރުޢާނާ ބެހޭ މަރުކަޒުންނެވެ.

ކުވައިތަށް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވަނީ މިޝްއަލްއާ ބައްދަލުކޮށް މިފަދަ މުބާރާތްތަކަކީ ރާއްޖެއިން އަބަދުވެސް ވަނަތައް ޙާސިލުކުރާ މުބާރާތްތަކެއްކަން ފާހަގަކުރައްވައި، މިމުބާރާތުގައި ރަނގަޅު ވަނައަކާއެކު ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި އަލްޙާފިޒް މިޝްއަލްއަކީ ހުނަރުވެރި ޤާބިލު ކުއްޖެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޢަރަބިއްޔާ ސްކޫލްގެ ގްރޭޑް 12ގައި ތަޢުލީމް ޙާސިލް ކުރާ ޢާދަމް މިޝްއަލް ޝާމިންއަކީ 2013ވަނަ އަހަރު މައްކާގައި ބޭއްވި ކިންގް ޢަބދުލްއަޒީޒް އިންޓަރނޭޝަނަލް މުބާރާތުގައި ބައިވެރިވެފައިވާ ކުއްޖެކެވެ.