ތަޢުލީމު

"ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިޒިޓް"ގައި ބައިވެރިވުމުގެ ފުރުޞަތު މަދަމާ ހަމަވާނެ


މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް ގެ ދަށުން ހިންގާ "ނޭޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރުން" ކުރިއަށް ގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިޒިޓް"ގައި މިމަހު ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު މާދަމާ ހަމަވާނެއެވެ.

ނޭޝަނަލް ކެރިއަރ ގައިޑެންސް އިން ޒުވާނުނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ކޮންމެ މަހަކު ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އޭޕްރިލް މަހު ބައިވެރިވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމް.ޓީ.ސީ.ސީއެވެ.

ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން އިންތިޒާމްކޮށްގެން ކޮންމެ މަހަކު އެއްފަހަރު ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިޒިޓް" އަކީ އަލަށް ސްކޫލް ނިންމާ ދަރިވަރުންނަށާއި ވަޒީފާގެ މާޙާއުލަށް މުޅިން އަލަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށްދާ ޙަރަކާތެކެވެ. މި މަހު އެމް.ޓީ.ސީ.ސީ ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޙަރަކާތް އޮންނާނީ މި މަހުގެ ވަނަ ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 5 ހަކަށް އެމް.ޓީ.ސީ.ސީ ގައެވެ.

މި ޙަރަކާތުގައި ވަޒީފާގެ މާޙައުލަށް އަލަށް ނިކުންނަ ފަރާތްތަކަށް ބޭނުންތެރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެއެވެ. މިގޮތުން މި އިވެންޓުގައި އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތުދިނުމާއި، ކުރިއަށްދެވޭނެ ދާއިރާތައް އޮޅުންފިލުވައި ދިނުމާއި އިންޓާރންޝިޕްގެ ފުރުޞަތުތަކާއި އަލަށް ވަޒީފާގެ ދައިރާއާއި ގުޅޭ ފަރާތްތައް ވަޒީފާގެ މަޙައުލަށް އަހުލުވެރި ކުރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން މިދިޔަ މަހުގައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ގުޅިގެން މިފަދަ ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ހިންގާފައެވެ. މި ޕްރޮގްރާމަށްވަނީ ޒުވާނުންގެ ތެރޭގައި ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައެވެ. އޭޕްރިލް މަހުގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމަށްވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބި، ގިނަ ފަރާތްތަކެއް މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް އެދިފައިވާކަމަށް ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން މަޢުލޫމާތު ދެއެވެ.