ކުޅިވަރު

ގާޑިއޯލާ އަކީ އެންމެ މޮޅު ކޯޗު، ތަފާތުމޮޅު ޓީމެއްނެތް: ކްލޮޕް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށާއި، ނަމަވެސް ތަފާތު މޮޅު ޓީމެއް ނެތް ކަމަށް ލިވަޕޫލުން ބުނެފި އެވެ.
އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް މިހެން ބުނީ 3-0 ން ލިވަޕޫލް ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވީ ނަމަވެސް ހަތަރު ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބު ކުރެވޭ ފެންވަރު ސިޓީގައި އެބަހުރި ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.

"އަހަރެން ބޭނުމެއްނޫން މި މެޗުގެ ފެވަރިޓުންނަކީ ކޮބާތޯ ބަލާކަށް. އެކަމަކު ސިޓީ އަކީ ކިހާ މޮޅު ޓީމެއްކަން އެންމެނަށް ވެސް އެނގޭނެ. ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު. އެކަމަކު މި މުބާރާތުގައި މާތަފާތު ބޮޑު ޓީމެއްނެތް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ އަމިއްލަ ދަނޑުގައި މިދިޔަ ސެޕްޓެމްބަރު މަހު ސިޓީ އަތުން ލިވަޕޫލް 5-0 ން ބަލިވެފައިވާ ކަމަށާއި މި މެޗަށް ނުކުންނައިރު ލިވަޕޫލް އުއްމީދު މަތިވެރި ކުރާކަށް ނުޖެހޭ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ފޯވަޑް މުހައްމަދު ސަލާހްއަށް ކުޅެވޭނެކަން ޔަގީނެއްނޫނެވެ. ސިޓީ އަތުން ލިވަޕޫލް މޮޅުވި މެޗުގައި މޮޅަށް ކުޅުނު މިސުރުގެ ފޯވަޑަށް ވަނި ހާނިއްކަވެފަ އެވެ.