ޚަބަރު

ރާއްޖޭގެ ދެކުނުގައި މަސްކިރުވާ މިންވަރު މިފްކޯއިން އިތުރުކޮށްފި


ރާއްޖޭގެ ދެކުނުގައި މަސްގަނެވޭ މިންވަރު މިފްކޯއިން އިތުރުކޮށްފިއެވެ. މިކަން ހާމަކޮށް އެކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ދެކުނުން މަސް ކިރާ ކެޕޭސިޓީ އިތުރު ކުރުމަށް، ރާއްޖޭގެ އުތުރުގައި މަސް ކިރަން ހަރަކާތްތެރިވި އެކުންފުނީގެ އެންމެ ބޮޑު އެއްބޯޓުކަމަށްވާ "ކަލަމިންޖާ 402" ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށެވެ. އަދި ކޫއްޑޫ ގެ ކެޕޭސިޓީ އިތުރު ކުރުމަށް މި ސަރަހައްދުގައި ހަރަކާތްތެރިވާ ކެރިއާ ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުންޏެވެ.

ފާއިތުވި ތިން ދުވަހު ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެ ކޮންމެ ދޯންޏަކުން އެތައް ޓަނެއްގެ މަސް ބާނާފައިވެއެވެ. މީގެ ސަބަބުން މަސް ކިރުމުގައި ދަތިތަކެއް ދިމާވެފައިވާކަން މަސް ގަންނަ ކުންފުނިތަކުން ފާހަގަކުރެއެވެ.

މިފްކޯއިން ބުނީ ވޭތުވެދިޔަ 6 މަސް ދުވަހު އެވްރެޖްކޮށް އެކުންފުންޏަށް ދުވާލަކު ކިރާފައިވަނީ 150 ޓަނުގެ މަސް ކަމަށާއި ނަމަވެސް ފާއިތުވި ތިން ދުވަހު އެވެރެޖްކޮށް ދުވާލަކަށް 600 ޓަނުގެ މަސް އެކުންފުނިން ގަނެފައިވާކަމަށެވެ. އަދި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ ދެކުނުގައި ހުރި ހުރިހާ އައިސްޕްލާންޓެއްގެ އޮޕަރޭޝަން 24 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ މިގޮތަށް ކުއްލިއަކަށް މަސްވެރިކަން ރަނގަޅުވާ ފަހަރު އެދުވަހެއްގައި ބާނާ ހުރިހާ މަހެއް ގަނެ ފިނިކޮށް ރައްކާކުރަން އަބަދުވެސް ދަތިތައް ދިމާވާކަމަށެވެ. މިހެން ދިމާވަނީ މަސްގަނެ ފިނިކޮށް ރައްކާކުރަން ޤާއިމްކޮށްފައިވާ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ބާނަން ފެށުމުން އެ މަސްތައް ފިނިކޮށް ރައްްކާކުރަން ބޭނުންވާ ވަގުތު ނުލިބިގެންކަމަށް އެކުންފުނިން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސްވެރިންނަށް ދިމާވަމުންއައި ދަތިތައް ހައްލުކޮށްދިނުމަށް ޚާއްޞަ އިސްކަމެއްދީގެން ސަރުކާރުން ކުރި މަސައްކަތުން މިފްކޯގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެކުންފުނީގެ މަސް ގަތުމުގެ ކެޕޭސިޓީ މިހާރު އިތުރުކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މިގޮތުން އެކުންފުނީގެ މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށް، މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް މިއަހަރު އިތުރު ކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ކަލަމިންޖާ

މިކަހަލަ ތަނަކު ނުޖެހޭ ބުހުތާނު ދޮގު މުޅިން ވެސް މިފްކޯ އިން ހަދަނީ...ތިޔަ ބުނާ 402 ތީ އައްޑޫ ގަ އޮންނަ ބޯޓެއް އަބަދުވެސް..