ޚަބަރު

އެކުވެރި ޢަރަބި އިމާރާތުގެ އެމްބަސީއެއް ރާއްޖޭގައި ޤާއިމްކުރަނީ


އެކުވެރި ޢަރަބި އިމާރާތުގެ އެމްބަސީއެއް ރާއްޖޭގައި ޤާއިމްކުރުމަށް އެޤައުމުގެ ކެބިނެޓުން ނިންމައިފއެވެ.
އިއްޔެ ބޭއްވި ޔޫއޭއީގެ ކެބިނެޓް ބައްދަލުވުމުގައި ރާއްޖޭގައި އެޤައުމުގެ އެމްބަސީއެއް ހުޅުވަން އެއްބަސްވެފައިވީނަމަވެސް އެ ކަމުގެ މަސައްކަތްކުރާނެ ތާރީޚެއް ހާމަކޮށްފައެއްނުވެއެވެ.

ކެބިނެޓްގެ ރަސްމީ ވެބްސައިޓުގެ އިތުރުން ޢަރަބި ބައެއް ނޫސް މަޖައްލާތަކުގައި ވަނީ އިއްޔެގެ ކެބިނެޓް ބައްދަލުވުގައި ރާއްޖޭގައި ޤާއިމްކުރާ އެޤައުމުގެ އެމްބަސީ ހުންނަނީ މާލޭގައިކަން ކަށަވަރުކޮށްދީފައެވެ.

ރާއްޖޭގައި ޔޫއޭއީގެ އެމްބަސީއެއް ޤާއިމުކުރަން އެޤައުމުގެ ކެބިނެޓުން ނިންމާފައިވާއިރު، ރާއްޖޭގެ އެމްބަސީއެއް ޔޫއޭއީގައި މިހާރުވެސް ހުރޭ. މި އެމްބަސީ ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގައި ޔޫއޭއީގެ އެމްބަސީއެއް ޤާއިމުކުރުމުން ދޭދޭ ގުޅުންތައް ހަރުދަނާވެ، އިޤްތިޞާދީ ގިނަ މަސައްކަތްތަކަށް އެކަމުގެ ފައިދާކުރާނެއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން އެހީދޭ އެއް ޤައުމަކީ ޔޫއޭއީއެވެ. މިގޮތުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީން ރާއްޖެއަށް 160 މިލިޔަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް މިދިޔަ ފެބްރުއަރީ މަހު ވެސް އެޤައުމުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 15 މާރޗް 1978 ވަނަ އަހަރުއެވެ.