ޚަބަރު

ލ.ފޮނަދޫގެ ފެން ޕްލާންޓްގެ މަސައްކަތް ނިމިއްޖެ


ހައްދުންމަތީ ފޮނަދޫގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި، ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

އެންވަޔަރަންމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގެތަކަށް ފެން ފޯރުކޮށްދިނުމަށް އަޅާ ހޮޅިވަޅުލުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، ބިމުއަޑިން ނަގާފެން ސާފުފެނަށް ބަދަލުކުރާ "ރިވަރސް އޮސްމޮސިސް ސިސްޓަމް" ނުވަތަ އާރު އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައްވެސް މިހާރު އެއްކޮށްނިމިފައިވާކަމަށެވެ.

އަތޮޅުތަކުގައި ދިރުއުޅޭ ރައްޔިތުންނަށް ސާފުފެން ފޮރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުގެދަށުން، ލ.ފޮނަދޫގައި ޤާއިމުކުރި ފެނުގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ 47 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

3000 އާ ގާތްކުރާ ޢަދަދެއްގެ މީހުންގެ ޢާބާދީއެއް އޮންނަ ފުނަދޫގެ ރައްޔިތުންނަށް ދިމާވެފައިއޮތް އެންމެ ބޮޑު އެއް މައްސަލައަކީ ސާފު ފެން ލިބުމުގެ ދަތިކަންކަމަށް އެރަށު ކައުންސިލުން ފާހަގަކުރެއެވެ. ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒް ވިދާޅުވީ ސުނާމީއަށްފަހު އެރަށުގެ ބައެއް ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެން ތަޣައްޔަރުވެފައިވާކަމަށެވެ. އެގޮތުން ފެނުން ވަސްދުވުމާއި ރަހަޔަށް ބަދަލުއައުމާއި ފެނުގެ ކުލަ ބަދަލުވެފައިވާ ކަމުގެ ޝަކުވާތައް ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ އެރަށުގައި ފެނުގެ ނިޒާމު ޤާއިމުވެގެން ދިއުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއްކަމަށެވެ.

ފޮނަދޫގައި ފެނުގެ ޚިދުތަށްއެދި 700 އަށްވުރެ ގިނަ ގެއިން މިހާތަަނަށް ރެޖިސްޓަރ ކޮށްފައިވާކަމަށް ކައުންސިލުން ބުނެއެވެ. އަދި އިތުރު ގެތަކަށްވެސް ރެޖިސްޓްރީކުރުމުގެ ފުރުޞަތު އޮތްކަމަށާއި، ރަށުން ބިން ދޫކޮށް ގެ ނާޅާ ހުރި ސަރަޙައްދުތަކަށްވެސް ކުރިމަގުގައި ފެން ދޫކުރާ ގޮތަށް ހޮޅި އަޅާފައިވާކަމަށް ކައުންސިލުންވަނީ ބުނެފައެވެ. ރިޔާޒް ވިދާޅުވީ ފެން ޕްލާންޓް ހިންގާނެ ފަރާތެއް ހަމަޖެހުމާއެކު ޚިދުމަތް ދޭން ފަށާނެކަމަށެވެ.

ލ.ފޮނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2016ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.