ޚަބަރު

ދީނާގުޅޭ ސައްޙަ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ބައިނަލްއަޤްވާމީ ސެމިނަރއެއް ބާއްވަނީ


އިސްލާމް ދީނުގެ ސައްޙަ މައުލޫމާތު ދިވެހިރައްޔިތުންނަށް ހާމަކޮށްދިނުމައްޓަކައި ބައިނަލްއަޤްވާމީ ޚާއްސަ ސެމިނާއެއް އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާނެކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

"ހައިލެވެލް ސެމިނަރ އޮން ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރ ޓެރަރިޒަމް"ގެ ނަމުގައި، ބާއްވާ މި ސެމިނަރ ބާއްވަނީ އިސްލާމިކް މިނިސްޓްރީއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ޖޯޑަންގެ އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމާއި ޕަބްލިކް ސަރވިސްމީޑިއާ ޕީ.އެސް.އެމްއާ ގުޅިގެންނެވެ.

މި މަހުގެ ސާދައިން ފަނަރައަށް ކުރުނބާ މޯލްޑިވްސްގައި ބާއްވާ މިސެމިނާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އިސްލާމްދީނުގެ ބައެއް އުސޫލްތަކާއި އަސްލާއި ޚިލާފު ވާހަކަދެއްކުމާއި، އިސްލާމްދީނުގައި ކަންކަން އޮންނަގޮތާއި ޚިލާފަށް ބައެއް އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ފަތުރާ މަޢުލޫމާތުތަކުގެ ޞައްޙަ މަޢުލޫމާތު ދިނުމަށް މިބައްދަލުވުމުގައި ބޭރުގެ ޤައުމުތަކުގެ ތަޖުރިބާކާރު އިލްމުވެރިން ބައިވެރިވާނެކަމަށެވެ.
މީގެއިތުރުން ޤައުމުތަކުގައި ފިތުނަ އުފެދެން ދިމާވާ ސަބަބުތަކާއި، އެކަންކަން ހައްލުކުރާނެ ގޮތުގެ މައްޗަށް، އަރަބި ބަހާއި އިނގިރޭސި ބަހުން ކަރުދާސް ހުށައެޅިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"
މިޒަމާނުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ މަޢުލުމާތުތައް ފަތުރާތީވެ، މި ސެމިނަރ ގައި އިސްލާމް ދީނުގެ އުސޫލްތަކާއި ޚިލާފަށް ފަތުވާ ދިނުމުން މުޖުތަމައަށް ކުރާ އަސަރާއި ގުޅޭގޮތުން ދީނީ އިލްމުވެރިން ކަރުދާސްތައް ހުށައަޅާނެ."
އިސްލާމިކް މިނިސްޓަރ

ރާއްޖޭގައި މިފަދަ ބައިނަލްއަޤްވާމީ މަހާސިންތާއެއް ބޭއްވިގެން ދިއުމަކީ، ދިވެހިންނަށް ލިބޭ ފަޚުރެއްކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ބޭއްވިގެންދާ މި ސެމިނާގެ ސަބަބުން ބައެއް އިސްލާމީ ޤައުމުތަކަށް ރާއްޖެ މުޅިން އަލަށް ތަޢާރަފްވެގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަމާގުޅުހުންހުރި އިދާރާތަކުން 16 މީހުން ބައިވެރިވާ މި ސެމިނާގައި، ބައިނަލްއަޤްވާ ބޮޑެތި ދީނީ މުއައްސަސާތައް ކަމުގައިވާ، އޯ.އައި.ސީ، އަރަބިލީގް، އިސެސްކޯ، ފަދަ މުއައްސަސާތަކާއި، އެސޯސިއޭޝަން އޮފް އަރަބް ޔުނިވަރސިޓީސް އާއި އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރާއި، މިސްރުގެ އަލް އަޒްހަރް ޔުނިވަރސިޓީއާއި، ޕާކިސްތާން އިންޓަނޭޝަނަލް ޔުނިވަރސިޓީގެ އިތުރުން މެލޭޝިޔާގެ އިންޓަރނޭޝަނަލް ޔުނިވަރސިޓީން ހިމެނޭހެން ބޭރުގެ 15 ޤައުމަކުން 35 މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ސެމިނާގެ ބައިވެރިން މިމަހުގެ ދިހަވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.