ސްރީލަންކާ ސަރުކާރުގެ ކުރިމަގާ ގުޅޭގޮތުންނާއި އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމާ ބެހޭގޮތުން، ރައީސް މައިތުރިޕަލަ ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަޝްވަރާ ކުރައްވައިފިއެވެ.
ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެއްކަމަށް ވަކިލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ، ރަނިލްގެ އިތުބާރު ނެތްކަމަށް ޤާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަށް ތާއީދުކުރި ހުރިހާ ވަޒީރުންވެސް މަޤާމުން ދުރުކުރަންޖެހޭނެކަމާއި އެކަން ނުކުރައްވައިފިނަމަ ނަތީޖާ ރަނގަޅުނުވާނެކަމުގެ އިންޒާރު ރަނިލްގެ ފަރާތްޕުޅުން ސިރިސޭނާއަށް ދެއްވާފައިވާކަމަށެވެ.
ރަނިލް ވިކްރަމަސިންހަގެ މަށްޗަށް އިތުބާރު ނެތްކަމަށް ބުނެ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ނަގަން އުޅުނީ އެ ޤައުމުގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސްގެ ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުންނެވެ. އެ ވޯޓުން ވިކްރަމަސިންހަ ސަލާމަތްވެވަޑައިގެންފައިވާއިރު ރަނިލްގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓު ދިން 76 މެންބަރުންގެ ތެރޭގައި އޭނާގެ ސަރުކާރުގެ 6 ވަޒީރުން ހިމެނެއެވެ. މި 6 ވަޒީރުންނަކީ ރައީސް ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.
ސިރިސޭނާގެ ޕާޓީއަކީ ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާ ބައިއަތުހިފައި އުފައްދާފައިވާ އިއްތިހާދުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާނަމަވެސް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޕާލަމެންޓް މެންބަރުންގެ ތެރެއިން 13 މެންބަރަކު ރަނިލްއަށް އިތުބާރުނެތްކަމަށް ވޯޓުދީފައިވާއިރު އޭގެތެރޭގައި މިދެންނެވި 6 ވަޒީރުން ހިމެނެއެވެ. މި 6 ވަޒީރުން މަޤާމުން ދުރުކުރަންޖެހޭނެކަން ބޮޑުވަޒީރު ވިކްރަމަސިންހަ ރައީސް ސިރިސޭނާއަށް ދަންނަވާފައިވާކަމަށާއި، އެ ގޮތަށް އަމަލުކުރައްވާނެކަމުގެ ފެހި އަލި ސިރިސޭނާ ދެއްވާފައިވާކަމަށް، ސްރީލަންކާގެ ތައުލީމާ ބެހޭ ވަޒީރު ވަކިލާ ވިރާޖް ވިދާޅުވިއެވެ.
ވިކްރަމަސިންހަގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން، އޭނާ އާއި ސިރިސޭނާގެ ގުޅުން ގޯސްވެ، ވިކްރަމަސިންހަ ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ސިރިސޭނާ ގޮވާލެއްވި ނަމަވެސް، އިތުބާރުގެ ވޯޓުން އޭނާ ސަލާމަތްވެވަޑައިގަތުމުން ސިޔާސީ ބާރު ބުރަވެފައިވަނީ ބޮޑުވަޒީރު ވިކްރަމަސިންހަގެ ކޮޅަށެވެ. އަދި ވިކްރަމަސިންހައަށް ތާއީދުކުރާ ފަރާތްތަކުގެ އަޣްލަބިއްޔަތު ޤާނޫނުހަދާ މަޖިލީހުގައި އޮންނަ ހިނދު، އެ 6 ވަޒީރުން ވަކިނުކޮށްފިނަމަ ޕާލަމެންޓްގައި އެ ބޭފުޅުންގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނަގާފާނެ ކަމުގެ ބިރު އޮތުމުން އެ ބޭފުޅުން ވަޒީރުކަމުން ވަކިކުރުން ނޫންގޮތެއް ސިރިސޭނާއަށް މިހާރު ނެތްކަމަށް ތަޖްރިބާކާރުން ދެކެއެވެ.