ދުނިޔެ

އިސްރާއީލުން ސޫރިޔާއަށް ދިނީ ޢުދުވާނީ ހަމަލާއެއް- ރަޝިޔާ


އިސްރާއީލުން އިސްވެ ސޫރިޔާގެ ތައިފޫރު އަސްކަރީ ވައިގެބަނދަރަށް ދިން ހަމަލާއަކީ ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެފަދަ ހަމަލާއެއްކަމަށް ރަޝިޔާއިން ބުނެފިއެވެ.

ސޫރިޔާގެ ހަނގުރާމައިގައި ޝާމިލުނުވާ ޤައުމަކުން އުދުވާނީ ގޮތެއްގައި، އިސްވެ ސޫރިޔާއަށް ހަމަލާދިނުމަކީ ނަތީޖާ ގޯސްވެދާނެ ކަމެއްކަން އެމެރިކާ އާއި އެމެރިކާއާ ގުޅިފައިވާ އިއްތިހާދުން ދަންނަންޖެހޭނެކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވިއެވެ. އިސްރާއީލުން ސޫރިޔާއަށް ދިން އެ ހަމަލާތަކުގައި 14 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ސޫރިޔާ ސިފައިންގެ ބައެއް އިސް އޮފިސަރުންނާއި އީރާނުގެ ބައެއް ހަނގުރާމަވެރިން ހިމެނެއެވެ.

ސޫރިޔާއިން ވަނީ އެ ޤައުމުގެ މެދުތެރޭގައިވާ ތައިފޫރު އަސްކަރީ ވައިގެބަނދަރަށް ހޯމަދުވަހުގެ ފަތިހު މިސައިލުން ހަމަލާތަކެއް ދިންކަން ރިޕޯޓުކޮށްފައެވެ. އަދި އެއަށްފަހު ރަޝިޔާއިން ވަނީ، އެ ޙަމަލާ ދިނީ އިސްރާއީލުން ކަން ކަށަވަރުކޮށްދީފައެވެ.