ރާއްޖޭގެ ޤާނޫނީ ޚިދުމަތް ދުނިޔޭގެ ޤައުމުތަކާ ފައިތިލަ ސާބިތުކުރަންޖެހޭކަމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ އަރީފް ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަކީލުން ހުވައި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ އަރީފް ވިދާޅުވީ، ދިވެހިންގެ އަވައްޓެރި ޤައުމުތަކާއި، ސަރަހައްދީ ޤައުމުތަކުގައި ޤާނޫނީ ވަކީލުންގެ ޕްރޮފެޝަން ވަރަށްބޮޑަށް ކުރިއަރާފައިވާކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޤާނޫނީ ޚިދުމަތްވެސް މިހާރަށްވުރެބޮޑަށް ފުޅާވާންޖެހޭކަމަށެވެ.
ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތުގައި ވަކީލުންގެ ދައުރު ވަރަށް ބޮޑުކަމަށާއި، ވަކީލުންނަކީ ކޯޓްތަކާއެކު ވަރަށް ޙުތޫރަތްތެރި މަސައްކަތްތަކެއް ކުރާ ބައެއްކަމަށް ފަނޑިޔާރު ޢަބްދުﷲ އަރީފް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ވިދާޅުވީ ޢަދުލު އިންސާފުގެ ރޫޙާއި، ޤާނޫނީ ޙުކޫމަތު ދެމެހެއްޓޭނެގޮތަށް ޤާނޫނީ ވަކީލުންގެ ޢަމަލުތައް ބެހެއްޓުން މުހިންމުކަމަށެވެ. ޤާނޫނީ ވަކީލުން މިނިވަންކަމާއެކު މަސައްކަތް ކުރުމަށާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާއާއި، ދައުލަތުގެ އަގު ވެއްޓޭފަދަ ކަމެއް ވަކީލުން ނުކުރުމަށް ފަނޑިޔާރު ޢަރީފް އިލްތިމާސް ކުރެއްވިއެވެ.
އަދި ކޯޓްތަކުގައި ވަކާލާތު ކުރާއިރު، އެއްވެސް ފަރާތަކަށް ޙައްޤުނޫން އެއްޗެއް ހޯދައި ދިނުމަށް އެއްވެސް ޤާނޫނީ ވަކީލަކު މަސައްކަތް ނުކުރުމަށް ފަނޑިޔާރު ޢަބްދުﷲ އަރީފް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ތަނަވަސްކަން ކުޑަ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީ، އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުގައި މަސައްކަތް ނުކުރުމަށް ފަނޑިޔާރު ޢަރީފް، ޤާނޫނީ ވަކީލުންނަށް އިލްތިމާސް ކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ޚިދުމަތް ތަޢާރަފްވީފަހުން މިހާރު 70 އަހަރު ވެފައިވާކަން ފާހަގަރައްވަމުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަބްދުﷲ އަރީފް ވިދާޅުވީ، ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޕްރޮފެޝަންވެސް ދުނިޔޭގެ ޤައުމުތަކާ ފައި ހަމަކުރަންޖެހޭކަމަށެވެ.
""އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ޤައުމުތަކާއި، އެކުވެރި ޤައުމުތަކުގައި ޤާނޫނީ ވަކީލުންގެ ޕްރޮފެޝަނަކީ ވަރަށް ބޮޑަށް ތަރައްޤީވެ ކުރިއަރާފައިވާ ޕްރޮފެޝަނެއް. އަޅުގަނޑުމެންގެ ޤާނޫނީ ޕްރޮފެޝަނަކީވެސް އެޤައުމުތަކަށްވުރެން ފަހަތުގައިވާ ޕްރޮފެޝަނަކަށް ވެގެން ނުވާނެ."ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް
ވަކީލުންގެ ޕްރޮފެޝަން އިތުރަށް ވަރުގަދަ ކުރުމަށް، ސުޕްރީމް ކޯޓުން އިސްނަގައިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަނޑިޔާރު އަރީފް ވިދާޅުވިއެވެ. އެގޮތުން ޖުޑީޝަލް އެކެޑަމީ މެދުވެރިކޮށް، ޤާނޫނީ ވަކީލުންނާއި، ފަނޑިޔާރުން އިތުރަށް ތަމްރީނުކުރަމުންދާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު ޢަބްދުﷲ އަރީފްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޤާނޫނީ ވަކީލުންގެ ޕްރޮފެޝަނާ އަލަށް ގުޅެން ބޭނުންވާ ވަކީލުން ހުވައި ކުރުމުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރާނެކަމަށެވެ.
ފަނޑިޔާރު ޢަލްއުސްތާޛް ޢަބްދުﷲ އަރީފަކީ ސުޕްރީމް ކޯޓްގައި މިވަގުތު ހުންނެވި އެންމެ ސީނިއަރ ފަނޑިޔާރެވެ. އަދި ސުޕްރީމް ކޯޓްގެ ޝަރީޢަތްތަކުގައި ރިޔާސަތު ބަހަލައްޓަވަނީ އެމަނިކުފާނެވެ.
ޤާނޫނީ ވަކީލުންގެ އެންމެހައި ކަންކަން މިހާރު ބަހަލައްޓަވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.