ދުނިޔެ

އިރާޤުގެ އިންތިޚާބާ މެދު ޓްރަމްޕާއި އާބާދީ މަޝްވަރާކުރައްވައިފި


އިރާޤުގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ މުހިއްމުކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އިރާޤުގެ ބޮޑު ވަޒީރު ހައިދަރުލް ޢާބާދީ ފާހަގަކުރައްވައިފިއެވެ. މި ދެބޭފުޅުން މިކަން ފާހަގަކުރައްވާފައިވަނީ ދެގައުމުގެ ލީޑަރުން ކުރެއްވި ފޯނު ކޯލެއްގައި ކަމަށް އެމެރިކާގެ ވައިޓްހައުސުން ބުނެއެވެ.

ފޯނުން ވާހަކަ ދައްކަވަމުން ޓްރަމްޕާއި އާބާދީ ވަނީ، އެމެރިކާގެ އަސްކަރިއްޔާއިން އިރާޤުގައި އައި.އެސްގެ މައްޗަށް ހޯދާފައިވާ ކާމިޔާބީތަކަށް ތަޢުރީފުކުރައްވާ ވާހަކަތައް ދައްކަވާފައެވެ. މިކަމުގައި އިރާޤުގެ ސަލާމަތީ ބާރުތަކުން ކޮށްފައިވާ ބުރަ މަސައްކަތަށާއި މި އޮޕަރޭޝަންގައި އެމެރިކާގެ ސިފައިން ދީފައިވާ އެހީތެރިކަން ވެސް ދެ ޤައުމުގެ ލީޑަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިރާޤުގައި އަދިވެސް އުޅެމުންދާ އައި.އެސްގެ އެކި ޖަމާޢަތްތައް އެ ޤައުމުން މުޅިން ނައްތާލަން ޖެހޭކަމަށް އިރާޤާއި އެމެރިކާގެ އިސްވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަންނަ މޭއި މަހުގެ 12 ވަނަ ދުވަހު އިރާޤުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބަށް އެ ޤައުމު މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިއީ އެ ޤައުމުގެ ގިނަ ސަރަހައްދުތަކެއް ހިޞާރުކޮށްގެން އުޅެމުންދިޔަ އައި.އެސް ޖަމާޢަތުގެ މައްޗަށް ނަޞްރު ލިބުނުފަހުން އިރާޤުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.

މި އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ 329 ގޮޑިއަށް 6986 ކެނޑިޑޭޓުން ކުރިމަތިލާނެއެވެ. މި އިންތިޚާބުން ކުރިއަށް އޮތް ތިން އަހަރު އިރާޤުގައި ވެރިކަންކުރާ ސަރުކާރުން ކަނޑައެޅިގެންދާނެއެވެ.