ޚަބަރު

އެސްއެމްއީ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެމުންދާ ލޯނު ސްކީމް، އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެސްއެމްއީ ލޯނަށް އެދުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ.
އެސްއެމްއީ ލޯން ސްކީމްގެ ދަށުން ޖުމްލަ ފަންސާސް މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި ސްކީމްގެ ދަށުން ލޯނު ލިބޭނެ އެންމެ މަތީ އަދަދަކީ ވަކި ފަރުދަކު ކުރާ ވިޔަފާރިއެއްނަމަ ފަސް ލައްކަ ރުފިޔާއެވެ. އަދި ޕާރޓްނަޝިޕް ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީއެއްނަމަ އެއްމިލިއަން ފައްސަތޭކަ ހާސް ރުފިޔާއެވެ.

އެސްއެމްއީ ލޯނު ސްކީމްގެ ދަށުން ޖުމްލަ 8 ދާއިރާއަކުން މިއަހަރު ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުކުރުމުގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާއި، ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާއާއި، ޙިދުމަތް ފޯރިކޮށްދިނުމުގެ ދާއިރާގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ދާއިރާ އަދި އޯޕަން ކެޓަގަރީގެ ދާއިރާ ހިމެނެއެވެ.

މިދިޔަ އަހަރު އެސްއެމްއީ ލޯނުގެ ގޮތުގައި 38 މިލިއަން ރުފިޔާ އެކޮނޮމިކް މިނިސްޓްރީން ވަނީ ދޫކޮށްފައެވެ. އެސްއެމްއީ ލޯނު ސަރުކާރަށް އަނބުރާ ދެއްކުމަށް ނުވަ އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
އެސްއެމްއީ ލޯންގެ ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހަ ރަށެއްގެ ބިޒްނަސް ސެންޓަރުންނެވެ. އެއީ ޅ. ނައިފަރު، ލ. ފޮނަދޫ، ސ. ހިތަދޫ، ގދ.ތިނަދޫއެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށި، އަދި ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރުންނެވެ. އަދި އޮންލައިންކޮށް ވެސް ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.