ޚަބަރު

"ރެޑްބުލް - ކޭން ޔޫ މޭކް އިޓް" މުބާރާތުގައި ދިވެހިން!


"
"ވަރަށް ޔަޤީންކަން އެބައޮތް މިޗެލެންޖު ފުރިހަމަ ކުރެވޭނެކަމަށް. ކުޑައިރުއްސުރެން އެކުގައި އުޅޭ ރައްޓެހިންވީމަ ގުޅުން ރަގަނޅު އެހެންވެ ޚާއްޞަކޮށް އެކުގައި މަސައްކަތްކުރަން ފަސޭހަވާނެ."
ކޮރިއޮގްރާފަރ ޝަރަފުލް އަމީރު
"ރެޑްބުލް - ކޭން ޔޫ މޭކް އިޓް" މުބާރާތުގެ ޓްރެއިލަރ

ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ބާއްވާ ކުޅިވަރުގެ ތަފާތު އެކި ޙަރަކާތްތަކާ މުބާރާތްތަކުގައި ރާއްޖޭގެ ފަންނާނުން ދަނީ އެމީހުންގެ ހުނަރު ދައްކަމުންނެވެ. މިހާރުވެސް ރާއްޖޭގެ ތިން ޒުވާނަކު ދަނީ ބާޓަރ، ނުވަތަ އެއްޗަކަށް އެއްޗެއް ބަދަލުކުރުމުގެ މައްޗަށް ބިނާވެފައިވާ މުބާރާތެއްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ.

"ރެޑް ބުލް – ކޭން ޔޫ މޭކް އިޓް" އަކީ ދުނިޔޭގެ 60 ޤައުމަކުން 200އަށްވުރެ ގިނަ މީހުން ބައިވެރިވާ މުބާރާތެކެވެ. އެހެން މުބާރާތްތަކާ މިމުބާރާތާ ހުރި ތަފާތަކީ، މިއީ ވަކި އެއް ހުނަރެއް ދައްކާލުމަށް އޮންނަ މުބާރާތަކަށް ނުވެ، މިއީ ބައިވެރިންނަށް ފައިސާގެ އެއްވެސް މުޢާމަލާތެއް ނުކޮށް، ހަމައެކަނި ރެޑް ބުލް ދަޅު އެކްސްޖޭންޗްކޮށްގެން ޢަސާސީ ހުރިހާ ޚިދުމަތެއް ހޯދަން ޖެހޭ މުބާރާތަކަށް ވާތީއެވެ.

ރެޑްބުލްއިން މިމުބާރާތުގައި ބައިވެރިވާ ފަރާތްތައް ހޮވަނީ 1 މިނެޓްގެ ވީޑިއޯތަކެއްގެ ތެރެއިން އެންމެ މޮޅު ވީޑިއޯތައް ސަބްމިޓު ކުރާ ޓީމްތަކެވެ. މިއީ މިމުބާރަތުގައި ރާއްޖޭގެ ޓީމަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ. 3 ފައިނަލިސްޓުންގެ ތެރެއިން މިތިން ބައިވެރިން ސަބްމިޓްކުރި ވީޑިއޯގެ މައްޗަށް ބިނާވެ މިމީހުން މިހާރު މިވަނީ މުބާރާތުގައި ބައިވެރިވުމަށް ފުރާފައެވެ. މިމަހުގެ 10އަކުން 17އަށް އޮންނަ މިމުބާރާތުގައި ރާއްޖޭގެ ތަމްސީލުކުރާ ޓީމުގައި ހިމެނެނީ ކޮރިއޮގްރާފަރ ޝަރަފުލް އަމީރު، ފިޓްނަސް ޓްރެއިނަރ ޙަސަން ޝާހިދު އަދި މެޖިޝަން އަހުމަދު ޝަމަންއެވެ.

މުބާރާތާބެހޭ ގޮތުން ތިން ބައިވެރިން ބުނީ މިމުބާރާތުގެ އެންމެ ތަފާތުކަމަކީ މީގައި ބައިވެރިވާ ޓީމުތަކަށް ފައިސާއާ ނުލާ، ހަމައެކަނި ރެޑްބުލް އެކްސްޗޭންޖް ކޮށްގެން ޚީދުމަތްތަކާ ތަކެތި ހޯދަން ޖެހުނުކަމަށެވެ. އަދި ކުރީގެ މުބާރާތްތަކަށް ބަލާއިރު، ޗެކްޕޮއިންޓުތަކުގައި ޙަވާލުކުރާ ޗެލެންޖުތަކަކީ ވަރަށް ތަފާތު ޗެލެންޖުތަކެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. ކެއުމާ، ހުރުން އަދި ތަންތަނަށް ދަތުރުކުރުމަށް ފައިސާގެ ބަދަލުގައި ކޮންމެ ޓީމަކަށްވެސް ލިބޭނީ ރެޑްބުލް ކޭހެކެވެ.
ކޮންމެ ޓީމެއްގައި 3 ބައިވެރިން ހިމެނޭއިރު، މިފަރާތްތަކުން ޖެހޭނީ ޔޫރަޕުގެ 6 ޗެކްޕޮއިންޓަކަށް ގޮސް އެކިއެކި ޗެލެންޖުތައް ފުރިހަމަ ކުރާށެވެ. ޗެކްޕޮއިންޓަކުން ފުރިހަމަކުރާ ޓާސްކުތަކަށްވެސް އިތުރު ރެޑްބުލް ދަޅު ކޮންމެ ޓީމަކަށްވެސް ލިބޭނެއެވެ. ކޮންމެ ޓީމެއްވެސް ޗެލެންޖު ފަށާނީ ބުޑަޕެސްޓް، މެޑްރިޑް، މެންޗެސްޓަރ، ރޯމް އަދި ސްޓޮކްހޯލްމްސްއިންނެވެ. އަދި ޓީމުތައް ޖެހޭނީ ހުރިހާ ޗެކްޕޮއިންޓެއް ހަމަކޮށް، އެމްސްޓަރޑޭމްއާ ހަމަޔަށް ދަތުރުކުރާށެވެ.
ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމުގެ މެޖިޝަން އަހުމަދު ޝަމަން ބުނީ މިއީ ތަފާތު އެކްސްޕީރިއަންސެއްކަމަށާ، ނަމަވެސް މިމުބާރާތް ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

"ކޭން ޔޫ މޭކްއިޓަކީ ފޯނު، ލާރި އެއްވެސް އެކަހަލަ އެއްޗެއް ބޭނުންނުކޮށް ހަމައެކަނި ރެޑް ބުލް ކޭހެއް ބޭނުންކޮށްގެން ޔޫރަޕުގެ ހަ ޕޮއިންޓަކަށް ދަތުރުކޮށް ޓާސްކުތައް ފުރިހަމަ ކުރަންޖެހޭ މުބާރާތެއް. މިމުބާރާތުގައި ރެޑް ބުލް އެކްސްޖޭންޖުކޮށްގެން އެކިއެކި ޚިދުމަތް ހޯދަން ޖެހޭނީ. އަދި ކޮންމެ ޗެކްޕޮއިންޓެއްގައިވެސް ހުންނާނެ ވަކި ޓާސްކްތަކެއް." ޝަމަން ފާހަގަކުރިއެވެ.

މިމުބާރާތް ފުރިހަމަ ކުރާ ފަރާތްތަކަށް ވަކި ޚާއްްޞަ އިނާމެއް ކަނޑައަޅާފައި ނެތަސް ، މުބާރާތުގައި ބައިވެރިވެ ޔޫރަޕުގެ ޤައުމުތަކުގައި ޙަރަކާތްތެރިވާން ލިބޭ ފުރުސަތު މިއީ ސަޅި އެކްސްޕީރިއަންސެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި ރާއްޖޭގެ ޓީމަށް ސަޕޯޓްކުރުމަށް ދިވެހިން – ކޭން ޔޫ މޭކް އިޓް 2018 ފޭސް ބުކް ޕޭޖްއަށް ލައިކުދީ، މުބާރާތުގެ ޓާސްކްތަކުގެ އަފްޑޭޓް ބަލަމުން ދިއުމަށް މިޓީމުން އެދުނުއެވެ. މިތިން ޒުވާނުންވަނީ މިމުބާރާތުގައި ބައިވެރިވުމަށް އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރުއަދާކޮށްފައެވެ. އާދީއްތަދުވަހުގެ ރޭ މިޓީމު ވަނީ މިޗެލެންޖުގައި ބައިވެރިވުމަށް ޔޫރަޕަށް ފުރާފައެވެ.