ޚަބަރު

އެއަރ ފްރާންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ


މިއަހަރުގެ ފިނިމޫސުމާ ދިމާކޮށް އެއަރ ފްރާންސުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަން އެ އެއަރލައިން އިން ހާމަކޮށްފިއެވެ.
އެއަރ ފްރާންސުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރު ދަތުރުކުރަނީ ހަފްތާއަކު 2 ފަހަރުއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރަނީ ބޮއިންގް 777ގެ 200-އީއާރު ވޭރިއަންޓުގެ އެއާކްރާފްޓެކެވެ.
އެއަރ ފްރާންސްއިން ބުނީ މިއަހަރުގެ ފިނިމޫސުމާއި ދިމާކޮށް އެ އެއަރލައިނުން ރާއްޖެއަށްކުރާ ދަތުރުތައް ހަފްތާއަކު 3 ދަތުރަށް އިތުރުކޮށް މި ދަތުރުތަކުގައި ބޭނުންކުރާ އެއަރކުރާފްޓްވެސް 777ގެ 200-އީއާރު ވޭރިއަންޓުގެ އެއާކްރާފްޓުން، ބޮއިންގް 9-787 ޑްރީމްލައިނާ އެއާކްރާފްޓަށް އަޕްގުރޭޑްކުރާނެކަމަށެވެ. މިއީ 290 މީހުންގެ ޖާގައިގެ އެއަރކުރާފްޓެކެވެ.
އެއަރ ފްރާންސުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށް ޕެރިހުގެ ޗާލް ދޮ ގޯލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށާނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ.
އެއާ ފްރާންސުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ފްރާންސްގެ މާކެޓަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓެކެވެ. މިއަހަރުގެ ޖެނުއަރީމަހު ފްރާންސުން ރާއްޖެއަށް 6335 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު %30.1ގެ ކުރިއެރުމެކެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފްރާންސުން ރާއްޖެއަށް 8058 ފަތުރުވެރިން އައިސްފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 18.8 އިންސައްތައިގެ ކުރިއެރުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.