ކުޅިވަރު

ބަލިވީ މާގިނަ ފުރުސަތު ބޭކާރުކޮށްލުމުން: ގާޑިއޯލާ


ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ ރޭ ފަހަތުން އަރައި 3-2 ން ބަލިވީ މާގިނަ ފުރުސަތު ބޭކާރުކޮށްލުމުން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި އިކާއީ ގުންޑޮގަން ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާއެކު ސިޓީއަށް ލިބުނު ލީޑް ފުޅާކުރަން ހެޓްރިކެއް ހަދާނެހާ ފުރުސަތު ރަހީމް ސްޓާލިން އަށް ލިބި ވަނީ ބޭކާރުވެފައެވެ. މިއާއެކު މެންޗެސްޓާ ޔުނައިޓެޑްގެ ރެކޯޑް މުގުރާލައި އެންމެ އަވަހަށް ލީގު ޗެމްޕިއަންކަން ހޯދި ޓީމަކަށްވުމުގެ ފުރުސަތު ސިޓީއަށް ވަނީ ގެއްލިގެންގޮސްފައެވެ. ނަމަވެސް އަދިވެސް 84 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައިވަނީ ސިޓީއެވެ. ދެ ވަނާގައި ޔުނައިޓެޑް އޮތީ 71 ޕޮއިންޓާއެކުގައެވެ.

"އަހަރުމެން މާގިނަ ފުރުސަތު ބޭކާރުކޮށްލީ. މިކަހަލަ ވާދަވެރި ޓީމުތަކާ ކުޅޭއިރު ލިބޭ ފުރުސަތު ބޭނުން ކުރަންޖެހޭނެ. އެހެންނޫނީ ލަނޑު ލިބޭނެ. އަހަރުމެންނަށް އެންމެ ފަހުން މިދިޔަ ދެ މެޗުގައި ވެސް ދިމާވީ މިފަދަ ގޮތެއް. (ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން 3-0އިން) ބަލިވި މެޗުގައި ލިވަޕޫލް އެމީހުންގެ ދަނޑުގައި ވަރަށް ކައުންޓަ އެޓޭކްކުރި. އެކަމަކު އަހަރުމެންނަށް އެމީހުން ހާސްކޮށްލަން ފުރުސަތު ނުއުފެއްދުނު. މިރޭ ފުރުސަތު ލިބި ނުޖެހުނީ. އެކަމަކު ޖުމުލަކޮށް އަހަރުމެން ނިންމާލީ ރަނގަޅު ފުޓްބޯޅަ ކުޅުނު މެޗެއް،" ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގައި ވެސް ލީގު ކާމިޔާބު ކުރި ކޯޗު ބުނީ ރެކޯޑަކާއެކު ލީގު ހޯދުމަކީ ޝަރަފެއް ކަމަށާއި ނަމަވެސް އެކަން ނުވުމަކީ ހުރިހާ ކަމެއް ދޫވެގެންދިއުން ނޫން ކަމަށެވެ. ކުރިއަށް އޮތް ހަ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކުރި ނަމަވެސް ސިޓީއަށް ތަށި ލިބެން އޮތުމުން ހާސްވާންޖެހޭ ސަބަބެއް ނެތް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.