ކުޅިވަރު

އީގަލްސް ބަލިކޮށް، ޓީސީ އީގަލްސްގެ ފަހަތުގައި ވިއްދައިފި


ފަސް ލަނޑާއި ތިން ޕެނަލްޓީ އަދި އެއް ރަތްކާޑު ފެނިގެންދިޔަ ފޯރިގަދަ މެޗު ޓީސީ ސްޕޯރޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ.
އެސް.ޓީ.އޯ މާލޭ ލީގުގައި ރޭ ކްލަބް އީގަލްސް އާއި ޓީސީ ވާދަކުރި މެޗު ޓީސީ ކާމިޔާބުކުރީ 3-2 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޓީސީ އިނެވެ. ލިބުނު ޕެނަލްޓީއަކުން ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފިލްޑަރ އެނެޓޮލީއެވެ.
ފުރަތަމަ ހާފްގައި އީގަލްސްއަށް ނަތީޖާ ހަމަ ހަމަކޮށްދިނީ ލުއިޒް އެޑުއާޑޯއެވެ. މި ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން އީގަލްސްއިން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީ.ސީއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ އަހުމަދު އާރިފްއެވެ. އާރިފް ލަނޑު ޖެހީ އީގަލްސްއަށް ލިބުނު ކޯނަރެއްގައި ޓީސީ ކުޅުންތެރިން ބޯޅަ ހޯދުމަށްފަހު ކައުންޓަރ އެޓޭކްގައި ރިލްވާން ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
މިމެޗުގައި ދެވަނަ ފަހަރަށް އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ އެޓީމަށް ލިބުނު ދެވަނަ ޕެނަލްޓީއިން މެޗުގެ ދެވަނަ ހާފްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ޕެނަލްޓީވެސް ކާމިޔާބުކޮށްދިން ލުއިޒް އެޑުއާޑޯއެވެ.
މެޗުގެ ދެވަނަ ހާފްގައި ނަތީޖާ ދޭއް ދޭއްގައި ވަނިކޮށް، ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އެނެޓޯލީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ކުޅުންތެރިއެއް މަދުން ކުޅެމުންދިޔަ ޓީސީއަށް ތިން ވަނަ ފަހަރަށް ލީޑު ނަގައިދީ ތިން ޕޮއިންޓު ޔަޤީންކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމްވެސް ހޯދި އިބްރާހިމް ވަހީދެވެ.
މިއީ ކްލަބް އީގަލްސްގެ ފަހަތުން ނޫމާންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޓީސީން ކާމިޔާބުކުރި ލަނޑެކެވެ.
މިނަތީޖާ އާއެކު ޓީސީ ވަނީ ލީގުގެ ހަތް ވަނައިން، ހަތަރުވަނަށް ކުރިއަށް ޖެހިލާފައެވެ. އެއީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ކްލަބް އީގަލްސް އޮތީ ޓީސީއަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ލީގުގެ ތިން ވަނާގައެވެ.