ކުޅިވަރު

ޔޫވީ ކޮޅަށް އަނެއްކާވެސް 4 ލަނޑު، މާޒިޔާ އެއްވަނައަށް!


ޔުނައިޓެޑް ވިކްޓްރީ ކޮޅަށް 4 ލަނޑު ޖަހައިގެން މޮޅުވެ، މާޒިޔާ އެސްޓީއޯ މާލޭ ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މިއަދު މެޗު ކާމިޔާބުކުރީ 4-0 ނެވެ. މިމޮޅާއެކު 10 ޕޮއިންޓް ހަމަކޮށް، މާޒިޔާ ވަނީ އެއްވަނާގައިވާ ނިއުރޭޑިއަންޓާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. މިއަދު މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 15 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއީލް އިސާއެވެ. ނާއިޒު ހަސަން ގޯލް އޭރިޔާ ތެރެއަށް މަޑުމަޑުން ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ ސްޕޮޓާ ހިސާބުން އީސަ ގޯލަށް ވައްދާލީ އެއްފަހަރުން ޖަހައެވެ. މާޒިޔާގެ އަނެއް ތިން ލަނޑު ޖެހީ ދެވަނަ ހާފްގައެވެ.
ދެވަނަ ލަނޑު ޑިފެންޑަރ މިލޯސް ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ އިރުމަތީ ފަރާތު ރޮނގުމަތިން ނާއިޒްއަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. ހުޅަނގު ފަރާތު މަތީ ކަނަށް ބޯޅަ ފޮނުވާލީ ކީޕަރު ޠޮލާލަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. 70 ވަނަ މިނިޓްގައި ޖެހި ގޯލަށްފަހު ތިން މިނިޓްގެ ތެރޭގައި މާޒިޔާގެ ހަތަރުވަނަ ލަނޑު ޖެހީ ސްޓެވާޓެވެ. އޭގެ ކުރިން ސްޓެވާޓަށް ލިބުނު ހުސް ފުރުޞަތު ބޭކާރުވީ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ސްޓެވާޓްގެ ލަނޑަށް ފަހު މިނިޓެއްގެ ތެރޭގައި ފަހު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ނާއިޒު ހަސަންއެވެ.
މީގެއިތުރުންވެސް މާޒިޔާއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށް ގޯލަށްވެސް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ޑީއޭރިޔާ ބޭރުން އަހުމަދު ހަސަން ފޮނުވާލި ބާރު ބޯޅަ ހިމެނެއެވެ. އެބޯޅަ ކީޕަރު ޠޮލާލް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ. ގޯލް އޭރިޔާ ތެރެއަށް މާޒިޔާއިން ހުރަސްކުރި ގިނަ ބޯޅަތަކެއް ވަނީ ގޯލަށް ފޮނުވާ ނުލެވިއެވެ.
މެޗުގައި ޔުނައިޓެޑް ވިކްޓްރީއަށް ރަނގަޅު އެންމެ ބޯޅައެއްވެސް މާޒިޔާގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެކަން ހާޞިލްވެ ރަނގަޅު ކުޅުމެއް ކުޅުންތެރިން ދެއްކުމުން ހިތްހަމަ ޖެހޭކަމަށެވެ.
" މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން. އެކަން ވުމުން ހިތްހަމަ ޖެހޭ. ކުޅުމާ މެދުވެސް ހިތްހަމަ ޖެހޭ. ޚާއްޞަކޮށް ދެވަނަ ހާފްގެ ކުޅުން ވަރަށް ރަނގަޅު. ނާއިޒުގެ ކުޅުމާ މެދުވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ " މެޗަށްފަހު އިންމަ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ބުނީ ކުޅުންތެރިން މަސައްކަތްކުރިތަން ނުފެނުނު ކަމަށާއި، މިގޮތަށް ފުރަތަމަ ޑިވިޝަންގައި ބޯޅަ ނުކުޅެވޭނެކަމަށެވެ.
" މަސައްކަތެއް ނުކުރޭ. ހަމަ ބޯޅަ ކުޅެލީ. ކޮންމެ ދުވަހަކު ހަތަރެތި، ފަހެތި ކޮޅަށް ވަދެގެން މިކަމެއް ނުވާނެ. އެބަޖެހޭ ރަނގަޅު ކުރަން " ނަޒީހު ބުންޏެވެ.
އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ ކުޅުނު ތިން މެޗުން އެޓީމް ކޮޅަށް ވަނީ 13 ގޯލް ވަދެފައެވެ. ޖެހުނީ އެއް ގޯލެވެ.

ލީގުގައި މިރޭ ވާދަކުރާނީ ކްލަބް އީގަލްސްއާއި ޓީސީއެވެ. މެޗުން މޮޅުވެގެން އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އީގަލްސްއަށް އެބައޮތެވެ.