ޚަބަރު

ކޮންމެ ޤައުމަކަށްވެސް ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭ - ފޮރިން ސެކްރެޓަރީ


ރާއްޖެއިން އދ.ގެ މޫވްމަންޓް އޮފް ދަ ނޮން އެލަޔަންޑް ކަންޓްރީޒް، ނާމާއާ ގުޅުނީ ކޮންމެ ޤައުމަކީވެސް ބައިނަލްއަޤްވާމީ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިފައިވާ ބައެއްކަން ޤަބޫލުކުރާތީކަމަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ވިދާޅުވެއްޖެއެވެ.
އަޒަރުބައިޖާންގެ ބަކޫގައި ކުރިޔަށްދާ ނާމްގެ މިޑް ޓާރމް މިނިސްޓީރިއަލް މީޓިންގައި ވާހަކަފުޅުދައްކަވަމުން ފޮރިން ސެކެޓްރީވަނީ ޤައުމެއްގެ ކުޑަބޮޑުމިނަށާއި، ބާރުވެރިކަމަށް ނުވަތަ އެޤައުމެއް އޮންނަ ސަރަޙައްދަކަށް ނުބަލައި ހުރިހާ ޤައުމަކަށްވެސް ބައިނަލްއަޤްވާމީ ނިންމުތަކުގައި ޝާމިލްވުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެކަމަށެވެ.
ދެފަރާތެއްގެ މެދުގައި އުފެދޭ ކޮންމެ ހަމަނުޖެހުމެއް ނުވަތަ ދެބަސްވުމަކީވެސް މަޝްވަރާއާއި ޚިޔާލު ބަދަލްކޮށްގެން ހައްލުކުރެވޭނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ސަރީރު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމުގައި އަބަދުވެސް އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމުގެ މުހިންމުކަން ސަރީރު ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ޕޮލިސީ ލެވެލްގެ ނިންމުތައް ނިންމުމުގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ލިބިފައިވާ ފުރުސަތު އަދިވެސް ވަރަށް ހަނިކަން ފާހަގަކޮށްފައެވެ.
2019 އިން 2020 އަށް ވަނަ އަހަރުގެ ނިޔަލަށް އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ދައުރުގެ މެންބަރުކަމަށް ރާއްޖެއިން ކުރިމަތިލީވެސް ކުދި ޖަޒީރާ ޤައުމުތަކުން ޕޮލިސީ ލެވެލްގައި ކުރާ މަސައްކަތުގައި ޝާމިލްވާ މިންވަރު އިތުރުކުރުމަށް ސަރީރު ވިދާޅުވިއެވެ.
އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރުކަމަށް ރާއްޖެ ހޮވިއްޖެނަމަ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޝާމިލްވުން އިތުރުކުރާނެކަމުގެ ޔަޤީންކަން ސަރީރު ދެއްވިއެވެ. ރާއްޖެ ނާމްގެ މެންބަރަކަށް ވެފައިވަނީ 1976ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަދުވަހުއެވެ. 1956ވަނަ އަހަރު ވުޖޫދަށް އައި ނާމަކީ 120 މެންބަރުން ހިމެނޭ މޫވްމަންޓެކެވެ.