ދުނިޔެ

ފަރަންސޭސިވިލާތުން ސޫރިޔާގައި ގޯހެއް ނުހެދުމަށް ތުރުކީވިލާތުން ގޮވާލައިފި


ސޫރިޔާގައި އެމެރިކާ ހެދި ގޯސްތައް ފަރަންސޭސިވިލާތުން ނުހެދުމަށް ތުރުކީވިލާތުން ފަރަންސޭސިވިލާތަށް ގޮވާލައިފިއެވެ. ތުރުކީވިލާތުގެ ރިޔާސީ ތަރުޖަމާން އިބްރާހީމް ގަލީން ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯނަށް ގޮވާލެއްވީ، ސޫރިޔާގެ އުތުރުގައި، ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީން ދީގެން ސޫރިޔާގެ އުތުރުގައި ހަމަނުޖެހުން އުފެއްދުމަށް އެމެރިކާއިން ކުރި ފަދަ މަސައްކަތްތައް ފަރަންސޭސިވިލާތުން ނުކުރުމަށެވެ.
އެކަން ފަރަންސޭސިވިލާތުން ކޮށްފިނަމަ އެއީ ޓެރަރިޒަމަށް އެހީތެރިވުންކަމަށް ވާނެކަމަށްވެސް ތުރުކީވިލާތުގެ ރިޔާސީ ތަރުޖަމާން ވިދާޅުވިއެވެ.
ގަލީން މިހެން ވިދާޅުވީ، ތުރުކީވިލާތުން ސޫރިޔާގެ އުތުރުގެ ކުރުދީ ސަރަހައްދުތަކުގައި ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ފާޑުވިދާޅުވުމާ ގުޅިގެންނެވެ.
މެކްރޯން ވަނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ވާހަކަދައްކައިގެން ސުލްޙައިގެ މަގު ޚިޔާރުކުރުމަށް ތުރުކީވިލާތަށް ގޮވާލައްވާފައެވެ.
ތުރުކީވިލާތުން ބޭނުންވާނަމަ އެ ޤައުމާއި ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ދެމެދު ކުރާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން ފަރަންސޭސިވިލާތް ތައްޔާރަށް އޮތްކަމަށްވެސް މެކްރޯން ވިދާޅުވިއެވެ.