ކުޅިވަރު

ހުރިހާ ޝުކުރެއްގެ ވެރިބަޔަކީ ކުޅުންތެރިން: ގާޑިއޯލާ


މެންޗެސްޓާ ސިޓީއަށް މި ސީޒަނުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން މިރޭ ލިބިއްޖެނަމަ އެކަމުގެ ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންނަށް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް މިރޭގެ މެޗުގައި ބަލިކޮށްފިނަމަ ސިޓީއަށް ޗެމްޕިއަންކަން ލިބޭނެތީ އެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މިރޭ ޗެމްޕިއަންކަން ލިބިއްޖެނަމަ މިކަން ވެގެންދާނީ ވެސް ރެކޯޑަކަށެވެ. މިހާތަނަށް އެންމެ އަވަހަށް ލީގު ޗެމްޕިއަންކަން ހޯދި ޓީމަކީ ޔުނައިޓެޑެވެ. އެއީ 2001 ވަނަ އަހަރު ސާ އެލެކްސްގެ ފާގަސަންގެ ކޯޗުކަމުގަ އެވެ. އެއިރު ޔުނައިޓެޑަށް ބާކީ އޮތީ ލީގުގައި އެންމެ ފަސް މެޗެވެ. ސިޓީ އަށް މިރޭ ޗެމްޕިއަންކަން ލިބެންދާއިރު ބާކީ ހަ މެޗު އެބައޮތެވެ.

"ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް. އެމީހުގެ ބުރަ މަސައްކަތް މިއީ. ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކާއި އެމީހުންނަށް ސަޕޯޓްކުރުމަށް ދަނޑަށް މެޗު ބަލަން އައި އެންމެނަށް މި ޝުކުރު ހައްގު،" ގާޑިއޯލާ ބުންޏެވެ.

ހުސްވި ސީޒަނުގައި ސިޓީ ނިންމާލީ ތައްޓެއް ނުލިބި ހުސްއަތާ އެވެ. ސިޓީ އަށް ޗެމްޕިއަންކަން ލިބޭއިރު އެ ޓީމު ވަނީ އެފްއޭކަޕުން ކަޓައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަ މެޗުގައި ލިވަޕޫލް އަތުން 3-0އިން ބަލިވެފަ އެވެ. ނަމަވެސް ގާޑިއޯލާ ބުނީ މި ސީޒަނުގައި ޓީމު ހޯދަމުން އަންނަ ނަތިޖާތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.