ކުޅިވަރު

ގްރީން ބަލިކޮށް، ވިކްޓްރީ ގްރީންއަށްވުރެ ކުރިއަަށް!


ފަހަތުން އަރާ ގްރީން ބަލިކޮށް، ވިކްޓްރީން ލީގުގައި އެޓީމްގެ ދެވަނަ މޮޅު ހޯދައިފިއެވެ.
އެސްޓީއޯ މާލެ ލީގުގައި ރޭ ގްރީން ސްޓްރީޓްސްގެ މައްޗަށް ވިކްޓްރީ ކުރި ހޯދީ 2-1 ނެވެ. ވިކްޓްރީގެ ދެ ލަނޑުވެސް ޖަހާފައި ވަނީ މެޗްގެ ދެވަނަ ހަފްގައެވެ. މެޗްގެ ފުރަތަމަ ހާފްގެ އަށް ވަނަ މިނެޓްގައި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ގްރީންއަށް ކުރި ހޯދައިދިނީ ގޯލާ ރަށްޓެހި ފޯވާޑް އިލިއާ ސޮބޮލްއެވެ. ގްރީންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ވިކްޓްރީގެ އެންޖެލް މުނޯޒްއެވެ. އިލިއާއާއި މުނޯޒްވެސް ލަނޑު ޖެހީ ހިލޭ ޖެހުމުންނެވެ. މީގެތެރެއިން މްނޯޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރީންގެ ކީޕަރު ހިފަން އުޅެނިކޮށެވެ. އެކަމާ ގުޅިގެން ކޯޗު އަލީ ސުޒޭން ބުނީ ކީޕަރެއްގެ އަތުން އެކަހަލަ ކަމެއް ވެދާނެކަމަށާއި، ނަމަވެސް އެ ލަނޑަށްފަހު ގްރީންއަށް އޭގެ ނޭދެވޭ އަސަރު ކުރިކަމަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް، ވިކްޓްރީއަށް ކުރި ހޯދައިދިނީ ޒުވާން ކުޅުންތެރިޔާ އާދަމް އިޝާމްއެވެ. މެޗުގެ އިތުރު ވަގުތުގައި ގްރީންގެ މުހައްމަދު ސާއިފަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ.
މެޗަށްފަހު ވިކްޓްރީގެ ކޯޗް ލާޒްލޯ ކިސް ބުނީ މެޗެގެ ނަތީޖާއާ ކުޅުންތެރިންގެ ކުޅުންވެސް ރަނގަޅު ކަމަށާއި އޭނާ ހިތް ހަމަޖެހޭ ކަމަށެވެ.

" މެޗުން މޮޅުވީމާ ހިތްހަމަ ޖެހޭ. ގްރީންއިން މެޗުގެ ބޮޑު ބައިގަ ރަނގަޅަށް ކުޅުނު " ކިސް ބުންޏެވެ.

މެޗަށްފަހު ގްރީންސްޓްރީޓްސް ގެ ކޯޗް އަލީ ސުޒޭން ވަނީ ކުޅުންތެރިންނަށް އެކަށީގެންވާވަރު ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާކަން ފާހަގަ ކޮށްފައެވެ. ސުޒޭން ބުނީ ވިކްޓްރީން ޖެހި ގޯލާއެކު ކުޅުންތެރިންގެ ހިތްވަރު އެލި ކުޅުން ދަށަށް ދިޔައީ ކަމަށެވެ. އަދި ރެފްރީގެ ފަހަތުން ދުވެގެން ކަމެއް ބަދަލުނުވާނެކަމަށެވެ.

" ރެފްރީގެ ފަހަތުން ދުވެގެން ނިންމުމެއް ބަދަލެއް ނުވާނެ. ކުޅެން މަސައްކަތްކުރި ނަމަ ފައިދާކުރީސް " މެޗުގެ ތެރޭގައި ގްރީންގެ އޮފިޝަލުންނާއި ސަޕޯޓަރުން ރެފްރީގެ ނިންމުންތަކަށް ދެކޮޅު ހަދަމުން ދިޔަ ދިއުމާ ގުޅޭގޮތުން ސުވާލުކުރުމުން ސުޒޭން ބުންޏެވެ.

މެޗު ނިމުނު ފަހުން ގްރީން އޮފިޝަލުން އެންމެ ބޮޑަށް މައްސަލަ ޖެއްސީ ލިސްޓްގައި މެޗުގެ ރެފްރީކަމަށް ބުނެފައިވާ މުޙައްމަދު ޖާވިޒްގެ ބަދަލުގައި އަހުމަދު އަސްލަމް ރެފްރީކަން ކުރުމުންނެވެ. ލިސްޓްގައިވާ ގޮތުން އަސްލަމްއަކީ އެސިސްޓެންޓް ރެފްރީއެކެވެ.

މިނަތީޖާއާއެކު ވިކްޓްރީ ވަނީ ހަ ޕޮއިންޓާއެކު ލީގު ތާވަލްގައިވެސް ގްރީންއަށްވުރެ ކުރިއަށް ޖެހިލާފައެވެ. ގްރީން އޮތީ ފަސް ޕޮއިންޓާއެކުއެވެ.