ޚަބަރު

ރާއްޖެ މިވަނީ ސިއްޙީ ދާއިރާއިން މުހިންމު ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ - ހެލްތް މިނިސްޓަރ


2013 ވަނަ އަހަރު ޚިދުމަތް ދޭން ތިބި ޑޮކްޓަރުންގެ އަދަދަށްވުރެ އިތުރަށް 413 ޑޮކްޓަރުންނާއި 681 ނަރުހުން އަދި ބަލިމީހުންނަށް ޚިދުމަތް ދޭން 382 އެނދު މިހާތަނަަށް އިތުރު ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސިއްޙަތު ދުވަހާގުޅުވައިގެން ދެއްވި ޙިތާބުގައެއެވެ.
ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޙިތާބުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަސާސީ ސިއްޙީ ޚިދުމަތްތަކުން މަޙްރޫމުވެފައިވާ މީހުންކަމަށެވެ. އަދި ގާތްގަނޑަކަށް 200 މިލިއަށް އަންހެނުންނަށް އާއިލާރޭވުމުގެ ޚިދުމަތް ނުލިބޭ އިރު 20 މިލިއަން ތުއްތުކުދިންނަށް ބޭނުންވާ ވެކްސިން ނުލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި އުފަންވާ 96 އިންސައްތަޔަށްވުރެ މަތީ ޢަދަދެއްގެ ކުދިން އުފަންވަނީ ސިއްޙީ ޚިދުމަތްދޭ ތަނެއްގަ ސިއްޙީ ޚިދުމަތްދޭ ފަންނުވެރިއެއްގެ ޙާޒިރުގަކަމަށެވެ. އަދި ރާއްޖޭގައި 99 އިންސައްތަ ކުދިންނަށް ނުރައްކާތެރި އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންލިބޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ގެ ސަރުކާރުން ސިއްޙީ ދާއިރާއަށް ކުރާ ޚަރަދު 130 އިންސައްތައަށް މިވޭތުވެ ދިޔަ 4 އަހަރު އިތުރުކޮށް، ސިއްޙީ ޚިދުމަތް ފުޅާކޮށް އިތުރުކުރެއްވީ މި އަސާސްގެ މައްޗަށް ރިޢާޔަތް ކޮށްކަމަށެވެ. އަދި ރައްޔިތުންނަށްޓަކާ ކުރެވޭ ވެރިކަމަކުން ރައްޔިތުންނަށް އުފާ ފާގަތިކަން ގެނަސްދިނުމަށް ކަމަށެވެ.

"
"ސިއްޙީ ނިޒާމުގެ ތެރެއިން އާއްމު މީހާގެ ދިރިއުޅުމަށް އަންނަ ލުއި ނުވަތަ އައިސްފައިވާ ހެޔޮބަދަލު ތިމާގެ ވިސނުން ބަހައްޓާ ގޮތެއްގެ ސަބަބުން ބައެއްފަހަރު އެހާ ފަސޭހައިން މިނެކިރާނުލެވިދާނެ. ނަމަވެސް ފެންނަމަންޒަރާ، ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް ކަށަވަރުވެ ޔަޤީންވާ ކަމަކީ ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެވިފައި މިހުރީ ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ވީހާވެސް ފަސޭހައިން ލިބެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މިސްރާބަށްކަން. ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިފަދަ ބޮޑެތި ބަލިތަކަށް ރާއްޖެއިން މިހާރު ފަރުވާ ލިބެމުންދާ ކަމީ ދިވެހިރައްޔިތުން މިކަމަށް ހެކިވާނެ އަލިގަދަ ދަލީލެއް. އަދި ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކަށް ހުސްނުވާ އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ލިބޭ ކަމީ ރައްޔިތުން ޝުކުރުވެރިވާކަމެއް"
މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންނާއި އޮޕަރޭޝަން ފަދަ ޚިދުމަތްތަކާއެކު ކިޑްނީބަލީގެ ފަރުވާއާއި ދަތުގެ ފަރުވާއާއި ލޮލުގެބަލިތަކަށް ފަރުވާކުރުމުގެ ޚިދުމަތް އަތޮޅުތެރޭގައި ޢާއްމު ކުރެވި ތަރައްޤީ ކުރެވެމުންދާކަމަށެވެ. އަދި މިކަން ކަން ކަށަވަރުކުރުމަކީ މިއަދުގެ ސަރުކާރުގެ އެއްމެ މުހިއްމު އެއް އެޖެންޑާކަމަށް މިނިސްޓަރ ވިދާޅުވި. މިނިސްޓަރގެ ޙިތާބުގައި ވިދާޅުވީ އަތޮޅުތެރޭގައި އެންމެ ފުރަތަމަ ޤާއިމް ކުރެވޭ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް މިއަހަރު އައްޑު ސިޓީގައި ހުޅުވޭނެކަމަށެވެ. އަދި ދެމެހެއްޓެނިވި ހަރުދަނާ ސިއްޙީ ނިޒާމެއްގެ އެންމެ މުހިއްމު އެއްބަހާ ކަމުގައިވާ އަމިއްލަ ވިޔަފާރި ވެރިންގެ ބައިވެރިވުން ސިއްޙީ ނިޒާމުގައި ފުޅާ ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ފުރިހަމަ މަލްޓި ސްޕެޝަލިޓީ ޕްރައިވެޓް ހޮސްޕިޓަލެއް ހުޅުމާލެގައި ހުޅުވި ޚިދުމަތް ދޭން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މި 4 އަހަރު ތެރޭގައި ދިވެހި ޑޮކްޓަރުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން 190 ޑޮކްޓަރުން ތަމްރީނުކުރުމަށް ފޮނުވާފައިވާކަމަށް. އެއީ ސްޕެޝަލައިޒް ވުމަށް ފޮނުވުނު 52 ޑޮކްޓަރުންނާއި އެމްބީބީއެސް އަށް ފޮނުވުނު 138 ދަރިވަރުންނެވެ.

"
"ސިއްޙީ ޚިދުމަތްތައް ފުޅާވެގެންދާއިރު، ބޭރުގެ ޤައުމުތަކަށް ބަރޯސާވުން އިތުރުވަމުންދާ ދިއުން ކުޑަކުރުމަށްޓަކައި މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މުހިއްމުކަން ވަނީ އިތުރުވެފަ. ވުމާއެކު ރާއްޖޭގައި ނަރުހުން އަދި ސިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އިތުރުކުރެވި، މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް ވަނީ ފެށިފަ. އަދި މީހުން ތަމްރީނުކުރުމަށްޓަކައި މިސްރާބު ޖަހާފައި މިވަނީ މެޑިކަލް ކޮލެޖެއް ޤާއިމުކުރުމަށް. އަދި އުއްމީދަކީ އެ ކޮލެޖްގައި މިއަހަރު ކިޔަވައިދެން ފެށުން"
މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިއްޙީ ޚިދުމަތް މިއަދު އޮތް ޙާލަތުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ގިނަ ގުނަ މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި ބަލިމީހުންގެ ޙައްޤުތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރި ކުރެވުމާއެކު ސިއްޙީ ޚިދުމަތްތެރިންގެ ޙައްޤުތައްވެސް ޙިމާޔަތް ކުރުމަށް އިތުރު މަސައްކަތް ކުރެވެންޖެހޭކަމަށެވެ. އަދި މިކަންކަން ހާޞިލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި މަޤްސަދުގައި ނޭޝަނަލް ކޮލިޓީ ފްރޭމްވޯރކް ތައްޔާރުކޮށް ބަލި ބައްޔަށް އެކަށީގެންވާގޮތެއްގައި ފަރުވާކުރާނެ ގައިޑްލައިން ތައްޔާރުކޮށް، މިހާރު ތަންފީޒު ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރގެ ޙިތާބުގައި ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ ތިބުމުގައި ގިނަގުނަ ކާމިޔާބީތައް ހޯދިފަވާކަން ފާހަގަކުރައްވާ، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުގެ ބިރުވެރިކަމުގެ ރަނގަބީލް ޖަހަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތަކުން ސަލާތްވެ ތިބުމުގަ ފަރުދީ ޒިންމާ ވަރަށްބޮޑުކަން ފާހަގަކުރެއްވިއެވެ.