ޚަބަރު

އެންމެ ނާޒުކު ވަގުތުގައި އެންމެ ބޮޑަށް ރައީސް ޔާމީނަށް އެހީވީ ލ. އަތޮޅުން - ޢަބްދުއްރަޙީމް


ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ނާޒުކު ވަގުތުގައި ޤައުމު ސަލާމަތްކުރުމަށް ރައީސް ޢަބްދުﷲ ޔާމީންނާއި ބައިއަތުހިތްޕަވާ އެންމެ ބޮޑަށް ތާޢީދުކުރީ ހައްދުންމަތިންކަމަށް ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"މިތިބޫ ރައީސް ޔާމީނާއި އެކީ" މިނަމުގައި ހައްދުންމަތީ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންގެ މިނިވަންކަން ނަގާލާ އިސްލާމްދީން ނައްތާލުމަށް މަސައްކަތްކުރުމާއި، ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިކުރުވި ދަނޑިވަޅުގައި ހައްދުންމަތީ ރައްޔިތުން ނިންމީ ރައީސް ޔާމީނަށް ތާޢީދުކުރުމަށްކަމަށެވެ. އެގޮތަށް ރައްޔިތުން ނިންމީ އެމަނިކުފާނުގެ ކިބައިގައި، ރައްޔިތުންނާ އެކީ ކުރިއަށްވަޑައިގެން ކުރިމަގެއް ބިނާކުރުމުގެ ޤާބިލްކަމާ ތަސައްވުރެއް އޮތްކަމަށް ޤަބޫލްކޮށް އެ އަތޮޅުގެ މުސްތަޤްބަލަށްޓަކައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ހައްދުންމަތީގެ ރައްޔިތުން އިންސާފަށާއި ތަރައްޤީއަށް ލޯބިކުރާކަމަށާއި، ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލާއި އިސްލާމް ދީންދެކެ ހައްދުންމަތީ ރައްޔިތުން ލޯބިވާކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ހައްދުންމަތީގެ ތަރައްޤީއަށް އިޙްމާލްވެފައިވާކަން ތަކުރާރުކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މާޒީގެ ހުރިހާ ރައީސުންވެސް އެ އަތޮޅުގެ ރައްޔިތުންނަށް ދެއްކީ ހުވަފެންތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ދިމާވި އެންމެ ނާޒުކު ދަނޑިވަޅުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު ހިއްޞާއަކާއި، އެހީތެރިކަމެއް ދެއްވީ ހައްދުންމަތިންކަން އޭނާ ފާހަގަކުރެއްވިއެވެ.

"2013 ވަނަ އަހަރު ރައީސް ޔާމީނަށް ތިންވަނަ އަށް އެންމެ މަތީ އިންސައްތައެއް ހޯދައިދިން އަތޮޅަކީ ހައްދުންމަތި. އެފަޚުރުވެސް އޮތީ އަޅުގަނޑުމެނަށް. އިރާދަކުރެއްވިއްޔާ މިއަންނަ ރިޔާސީ އިންތިޚަބުގައި ޜާއްޖޭގެ އަތޮޅަކުން ރައީސް ޔާމީންނަށް އެންމެ ބޮޑު އިންސައްތައެއް އަރުވާނީ މި ހައްދުންމަތިން"

ޢަބްދުއްރަޙީމްގެ ވާހަކާގައިވަނީ ހައްދުންމަތިން އިދިކޮޅު ފަރާތްތަކަށް އެއްވެސް ޖާގައެއް ނެތްކަމަށާއި، އިދިކޮޅު ފަރާތްތަކަށް ހައްދުންމަތިން ތާޢީދު ނުހޯދޭނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ އުއްމީދާއި ރައްޔިތުން ބޭނުންވާ މަންޒިލަށް ގެންގޮސްދެވޭނީ ހަމައެކަނި ރައީސް ޔާމީނަށްކަން ހައްދުންމަތީ ރައްޔިތުން ޤަބޫލްކުރާކަމަށް ޕީޕީއެމްގެ ނާއިބު ރައީސްކަންވެސް ކުރައްވާ ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.
ހައްދުންމަތީ ގަމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.