ޚަބަރު

އަމާޒަކީ ހުރިހާ ޙިދުމަތެއް އޮންލައިންކުރުން - މީރާ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އަމާޒަކީ އެ އިދާރާއިން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދޭ ޙިދުމަތްތަކަކަށް ބަދަލުކުރުންކަމަށް މީރާއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވީ، މީރާގެ އޮންލައިން ޙިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އޮންލައިން ޙިދުމަތްތައް ފުޅާކުރަނީ ޓެކްސް ދައްކާ ފަރާތްތަކަށް ޙިދުމަތް ލިބިގަތުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ބޭނުމުގައިކަމަށް އަމީޒާ ވިދާޅުވިއެވެ. އަދި މީރާގެ ޓެކްސް ނިޒާމަކީ އެންމެ ރަނގަޅު ޓެކްސް ނިޒާމަށް ހެދުމަށް މީރާއިން ގިނަ މަސައްކަތްތަކެއް ކުރާކަމަށްވެސް އެނާ ވިދާޅުވިއެވެ.

"ފާއިތުވެދިޔަ 2 އަހަރަކީވެސް ހަޤީޤަތުގައި އަޅުގަނޑުމެންގެ ސަރވިސްތައް ޑިޖިޓަލްކޮށް ގެންދެވޭތޯ ވަރަށް ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރި 2 އަހަރު. ހަމަ އެގޮތަށް އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން އެބަ ބަލަން މިހާރު މެނުއަލްކޮށް ހުރި ބައެއް ކަންތައްތައް އޮންލައިންކުރުމަށް. އަދި އަޅުގަނޑުމެން އޮންލައިންކޮށް ދޭ ހިދުމަތްތައްވެސް ވީހާވެސް ބޮޑަށް އެއަށްވުރެ ރަނގަޅު ސްޓޭންޑަރޑަކަށް ގެނެވިގެން ދުރުރާސްތާއަށް ވިސްނައިގެން ކުރިއަށް ގެންދެވޭތޯ މި ބަލަނީ " ފާތިމަތު އަމީޒާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި ބަލައިގަތް ފީގެ 62 އިންސައްތަ އަކީވެސް އޮންލައިންކޮށް ބަލައިގެންފައިވާ ފައިސާކަމަށް މީރާއިން ބުނެއެވެ. މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި މީރާއިން ވަނީ 15.2 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް މީރާގެ ޓީމުތައް މިދިޔަ މަހުގެ ތެރޭގައި 10 އަތޮޅަކަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ.