ޚަބަރު

ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހއ. އުތީމުގައި ހުޅުއްވައިފި


ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހއ. އުތީމުގައި ހުޅުއްވައިފިއެވެ. ސާޅީސް މީހުންގެ ޖަގާގައި މި މަރުކަޒު ހުޅުވާދެއްވީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އައްޝައިޙް އިބްރާޙިމް ރަޝީދް މޫސާއެވެ.
އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ގުރުޢާނަށް ލޯބިޖައްސައި، ޤުރުޢާން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާއި ޤުރުއާނާބެހޭ މަރުކަޒު ގުޅިގެން ޤުރުއާން ކިޔަވައިދޭ މަރުކަޒުތައް މުޅި ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވައި ރަށުގައި ތިބެގެން މާލެއެކޭ އެއްގޮތަށް ކިޔެވުމުގެ ފުރުސަތުތައް އަންނަނީ ތަނަވަސްކޮށްދެމުންނެވެ. މި މަސައްކަތުގެ ދަށުން ހއ އުތީމުގައިވެސް މި ވަނީ ޤުރުއާނާއި ބެހޭ މަރުކަޒުގެ ހާއްސަ ގޮތްޕެއް ހުޅުވާފައެވެ. މީ މި ދާއިރާގެ ރަށްތަކުގައި ހުޅުވި ޤުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ގޮފިއެވެ.
މި ތަން ހުޅުވާދެއްވީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އައްޝައިހް އިބްރާހިމް ރަޝީދު މުސާއެވެ.

މި ތަން ހުޅުވާދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިބްރާޙިމް ރަޝީދް މޫސާ ވިދާޅުވީ، ރަށްރަށުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވުމަށް ކުރީގެ ސަރުކާރުތަކުންވެސް ނިންމިކަމަށާއި، ނަމަވެސް އެކަމުގެ ޢަމަލީ ސިފައެއް ފެނިގެން މިދަނީ މި ސަރުކާރުގެ މަސައްކަތުންކަމަށެވެ. އެގޮތުން ބާރަށު ދާއިރާގައި ހިމެނޭ 4 ރަށުގައި މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަންވެސް އިބްރާހީމް ރަޝީދު މުސާ ފާހަގަކުރެއްވިއެވެ. އަދި މި ތަންތަން ތަރައްޤީވަމުން އަންނަ ވަރަކަށް އިންޓަރނެޓް މެދުވެރިކޮށް ޤުރުއާން އިލްމުގެ މަތީ ކޯސްތަކަށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށްވެސް އިބްރާޙިމް ރަޝީދް މޫސާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުތީމު ކައުންސިލްގެ ރަޢީސް އަބްދުﷲ ރަޝީދް ވިދާޅުވީ އެރަށުގައި ހުޅުވި މި މަރުކަޒުގައި އެލްކޭޖީއިން ފަށައިގެން ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނާއި، ބޮޑެތި މީހުންނަށް ޢަމާޒުކޮށްގެން ރޭގަނޑު ކްލާސްތައް ހިންގާނެކަމަށެވެ. މިގޮތުން މި ކްލާސްތަކުގައި ކިޔަވާދެއްވާނީ ސުދާންގެ ޚާފިޒެއްކަމަށާއި މިހާރުވެސް 130 ދަރިވަރަކާއި 57 މީހުން މި ކްލާސްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަދި މިމަހުގެ ތެރޭގައި ގުރުޢާން ލެވެލް އެކެއްގެ ކޯހާއި، ޢަރަބި ދަސްކޮށްދޭ ކޯހެއް ފެށުމަށް ތައްޔާރުވަމުން އަންނަކަންވެސް އެނާ ފާހަގަކުރެއްވިއެވެ.

މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެރިވެ ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާޢު ވިދާޅުވީ އަތޮޅުތަކުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަށް ރައީސް ޔާމީން ވަރަށް އިސްކަމެއް ދެއްވާކަމަށެވެ. އަދި އެމަނިކުފާނުގެ އިސްނެންގެވުމާއިއެކު މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ބަޖެޓުގައި ހިމަނާ ރައްޔިތުން މަޖިލީހުގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ އުތީމު ގޮފި ހުޅުވުމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް މި ރަސްމިއްޔާތުގައި ވަނީ ހަދާނީ ފިލައެއް ދީފައެވެ. އަދި އުތީމުގައި މި ގޮޕި ހުޅުވުމުގެ އުފާ ފާހަގަކޮށް އުތީމު އަންހެން ކަނބަލުންގެ ފަރާތުން ވަނީ ހާއްސަ ސަގާފީ ކެއުމަށްވެސް ބާއްވާފައެވެ.