ޚަބަރު

އެމެރިކާގެ ސެނެޓުގެ އިސް އޮފިޝަލުން ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލްކުރައްވައިފި


އެމެރިކާގެ ސެނެޓުގެ އިސް އޮފިޝަލުންގެ ވަފުދެއް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލްކޮށްފިއެވެ.
މިއީ އެމެރިކާގެ ސެނެޓް އެޕްރޯޕްރިއޭޝަންސް ކޮމިޓީގެ އިސް ބޭފުޅުންގެ ވަފުދެކެވެ. ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި މިވަފުދުގެ ބޭފުޅުން ވަނީ ފޮރިން މިނިސްޓްރީގެ ސެކެޓްރީ ބައިލޭޓަރަލް އަޙްމަދު ޙަލީލާ ބައްދަލްކޮށްފައެވެ.
މިބައްދަލުވުމުގައި ވަނީ ޓެރަރިޒަމާ، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި މިކަމުގައި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އެފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެއިތުރުން ރާއްޖެއާއި އެމެރިކާއާ ދެމެދުއޮތް ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރުމާބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.