ޚަބަރު

މުދާ ކްލިއަރ ކުރުމުގައި އެއްވެސް ދައްޗެއް ނެތް - މިނިސްޓަރ ސަޢީދު


އެމްޕީއެލްއިން މުދާ ކްލިއަރ ކުރުމުގައި ދަތިތަކެއް ދިމާވެ، ޕިކަޕް ދުއްވާ ފަރާތްތައް ހަޅުތާލުކުރާކަމަށް މީޑިއާގައި ދައްކާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީ ދޮގުކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ އިއްޔެ ހަވީރު ހަޔަކުން ރޭގަނޑު 11 އާއި ހަމައަށް އެމްޕީއެލްއިން 254 ލޮރީގެ މުދާ ނެރެފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވިޔަފާރި އެންމެ ރަނގަޅު ދުވަހެއް ކަމުގައިވާނަމަ ކްލިއަރ ކުރެވެނީ އެވްރެޖްކޮށް 270 އާއި 290 އާއި ދެމެދުގެ އަދަދެއްގެ ކޮންޓެއިނަރ ކަމަށެވެ. އެހެންކަމުން މުދާ ކްލިއަރ ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަޤީޤަތެއް ހުރި ވާހަކަތަކެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރޭގަނޑު 11 ޖެހިއިރު ގާތްގަނޑަކަށް 254 ލޮރީގެ މުދާ އެމްޕީއެލް ސަރަހައްދުން ބޭރަށް ނެރުނު. އެއީ ޖުމްލަ ގާތްގަނޑަކަށް އެވްރެޖް ދުވަހަކަށް ރަނގަޅު ވިޔަފާރި ރަނގަޅު ދުވަހެއް ކަމަށްވާނަމަ މިއުޅެނީ 270 ނުވަތަ 280 ނުވަތަ 290 ކޮންޓެއިނަރ މި ނެރެނީ މުޅި ދުވަހުން. އެކަމަކު ހަވީރު ހަޔަކުން ރޭގަނޑު 11 އަށް އިއްޔެ އެކަނިވެސް ނެރުނޭ 254 ލޮރީގެ މުދާ." މުޙައްމަދު ސައީދު ވިދާޅުވިއެވެ.

އެކޮނޮމިކް މިނިސްޓަރ ވިދާޅުވީ މުދާ އުފުލާ ގަޑިތަކަށް މި ސަރުކާރުން ގެނައި ބަދަލު ހަފްތާއެއް ނުވަތަ ދެ ހަފްތާގެ ތެރޭގައި ހަމައަކަށްއެޅި މިއީ ވަރަށް ފަސޭހަ ބަދަލަކަށް ވެގެންދާނެކަމަށެވެ. މި ބަދަލުގެ ސަބަބުން މިހާރު މަގުބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ފެން ޑެލިވަރ ކުރުމުގައި ދަތިތަކެއް އުޅޭކަމަށް ދެކެވޭ ވާހަކައަކީވެސް ފަތުރަމުންދާ ދޮގު ޙަބަރެއްކަމަށެވެ. އެފަދަ މައްސަލައެއް އުޅޭނަމަ މިނިސްޓްރީން އެކަން ހައްލުކުރައްވާނެކަމަށް އެކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.