ޚަބަރު

ސިއޭރާ ލިއޯންގެ އާ ރައީސަށް ރައީސް ޔާމީން ތަހްނިޔާ ފޮނުއްވައިފި


ސިއޭރާ ލިއޯންގެ ރައީސް ކަމުގެ މަޤާމަށް ޖޫލިއަސް މާޑަ ބިއޯ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޖޫލިއަސް މާޑަ ބިއޯ، ސިއޭރާ ލިއޯންގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ހޫނު މަރުޙަބާއެއް ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސިއޭރާ ލިއޯންގެ ރައީސްކަމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ޖޫލިއަސް މާޑަ ބިއޯއަށް ހިތްވަރު ދެއްވައި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ޖޫލިއަސް މާޑަ ބިއޯގެ ރައީސްކަމުގެ ދައުރުގައި އެ ޤައުމަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޖޫލިއަސް މާޑަ ބިއޯގެ ރައީސްކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ސިއޭރާ ލިއޯންއާ ދެ ޤައުމުގެ ދެމެދުގައި ‏‏އޮތް ގުޅުން ބަދަހި ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށާއި، ސިއޭރާ ލިއޯންގެ ރައީސް ކަމުގެ އާ ދައުރުގައި، ދިވެހިރާއްޖެއާއި ސިއޭރާ ލިއޯންއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޖޫލިއަސް މާޑަ ބިއޯއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ދުޅަހެޔޮ އުފާ ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައިވެއެވެ.