ޚަބަރު

މީރާއިން އޭއީއޯއައި ސްޓޭންޑާރޑްތައް ޤާއިމްކުރަނީ


ރާއްޖޭގައި އޮޓޯމެޓިކް އެކްޗޭންޖް އޮފް އިންފޮމޭޝަން (އޭއީއޯއައި) ސްޓޭންޑާރޑްތައް ޤާއިމްކުރުމުގެ މަސައްކަތް މީރާއިން ފަށައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ އަމާޒަކީ 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އޮޓޯމެޓިކް އެކްޗޭންޖް އޮފް އިންފޮމޭޝަން (އޭއީއޯއައި) ގެ އަމަލީ މަސައްކަތް ފެށުންކަމަށް އެ އިދާރާއިން ބުނެއެވެ. އޮޓޯމެޓިކް އެކްޗޭންޖް އޮފް އިންފޮމޭޝަން ޕްރޮޖެކްޓްގެ މަޤްސަދަކީ ބޭރު ޤައުމުތަކުގައި ހިންގާ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްތަކާއިގުޅޭ ގޮތުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސްދައްކަންޖެހޭ މިންވަރަށްވުރެ މަދުން ޓެކްސްދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ ފަރާތްތައް ދެނެގަތުމެވެ.
މި ޕްރޮޖެކްޓްގައި މަސައްކަތް ކުރުމަށް މިހާތަނަށް 100 އަށްވުރެ ގިނަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި "ގުލޯބަލް ފޯރަމް" ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާއިއެކު، ދޭދޭ ޤައުމުތަކުގެ މެދުގައި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ފެންވަރުގެ މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް ވަނީ އެއްބަސްވެފައެވެ. އޭއީއޯއައި ފްރޭމްވޯކްގައި ބޭނުންކުރާ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން މަޢުލޫމާތު ބަދަލުކުރުމަށާއި، ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކާއި ސްޓޭންޑަރޑްތަކެއް ކަނޑައަޅާފައިވާކަމަށް މީރާއިން މަޢުލޫމާތުދެއެވެ.

މި ޕްރޮޖެކްޓް ފެށުމުގެ ގޮތުން މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ގުލޯބަލް ފޯރަމްއިން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބެންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއެކު ބައްދަލުވުމެއް ބާއްވާ، ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.