ޚަބަރު

އިސްލާމިކް ފައިނޭންސްގެ ރޮނގުން އެންމެ ނުފޫޒުގަދަ ކަނބަލުންގެ ތެރޭގައި ޑރ މުނީޒާ


އިސްލާމިކް ފައިނޭންސްގެ ރޮނގުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ 14 ވަނަ ކަނބަލަކަށް ޑރ. އައިޝަތު މުނީޒާ ހޮވިއްޖެއެވެ.

މި މަޤާމަށް ޑރ. މުނީޒާ ހޮވުމާއި ގުޅިގެން އޭނާއަށް ޙާއްޞަ އެވޯޑެއް ވަނީ އަރުވާފައެވެ. މި އެވޯޑް އެކަމަނާއަށް އެރުވީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ހިލްޓަން ހޮޓެލްގައި އިއްޔެ ބޭއްވި ވޮމެނީ އެވޯޑް ޙަފްލާގައެވެ. މި ރަސްމިއްޔާތުގައި ޑރ. މުނީޒާއަށް އެވޯޑް ހަވާލުކޮށްދެއްވީ މެލޭޝިއާގެ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދާތޯ ވިރާ އޮތުމަން ޢަބްދުލް ޢަޒީޒް އެވެ.

މިއީ ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ހުރި ގޮންޖެހުންތައް ނައްތާލައި އެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރާ ކަނބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑް ދެނީ އިނގިރޭސިވިލާތުގެ އިދާރާއެއް ކަމަށްވާ ކެމްބުރިޖް އައިއެފްއޭ އިން އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހޮވާލެވޭ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ކަނބަލުންނަށެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޑރ. މުނީޒާ ގެންދަވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިސްލާމީ ދުނިޔޭގެ އިގްތިސާދުތަކުގައި އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައިވެސް މުނީޒާ ހިމެނިވަޑައިގަންނަވެއެވެ. އަދި ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާގައި ޑރ. އައިޝަތު މުނީޒާގެ ޙިދުމަތަކީ ފާހަގަކޮށްލެވޭ ޚިދުމަތް ތަކެކެވެ. ރާއްޖެއަށް އިސްލާމިކް ފައިނޭންސް ތަޢާރަފް ކުރެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގައި މުނީޒާ ވަނީ އިސްދައުރެއް އަދާކުރައްވާފައެވެ. އެގޮތުން އިސްލާމިކް ފައިނޭންސްގެ ޚިދުމަތްދޭ ގިނަ ކުންފުނިތައް އުފެއްދުމުގައި ޑރ. މުނީޒާވަނީ އިސްކޮށް މަސައްކަތް ކުރައްވާފައެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި އިސްލާމިކް ބޮންޑު "ސުކޫކް"ގެ އޮނިގަނޑު ހެއްދެވުމުގައިވެސް ޑރ. މުނީޒާގެ ހިއްޞާ ބޮޑެވެ.