ޚަބަރު

މިދިޔަ މަހު ދައުލަތަށް ލިބުނު ޢާމްދަނީ ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު ޢާމުދަނީ ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މާރިޗު މަހަކީ އެހެން އަހަރުތަކުގެ މާރިޗު މަހާ އަޅައި ބަލާއިރު ދައުލަތަށް އެންމެ ގިނަ ޢާމްދަނީ ލިބުނު މަހެވެ. އެގޮތުން މިދިޔަ މަހު ޓެކުހާއި، ފީގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައި ބަލާއިރު 200 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މާރިޗު މަހު ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީ އިތުރުވެފައިވަނީ ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީ އާއި، ބީޕީޓީގެ ގޮތުގައި ލިބުނު ޢާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ މާރިޗު މަހު ޓީޖީއެސްޓީގެ ގޮތުގައި 539.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ޢާމްދަނީ އަކީ 446.8 މިލިއަން ރުފިޔާއެވެ. މިއީ 93 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ބީޕީޓީގެ ގޮތުގައި 112.7 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މާރިޗު މަހު މިޢަދަދު ހުރީ 60.8 މިލިއަން ރުފިޔާގައެވެ. މިއީ 52 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ އިތުރުން ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީއާއި، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު ޢާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެއަރޕޯޓް ޑިވަލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަމަހު 59.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ޢާންމުދަނީގެ ގޮތުގައި 4.99 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު 400 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.

މީރާއިން ޢާންމުކޮށްއިވާ ތަފާސްހިސާބުތަކުން ތަރުޖަމާކޮށްދެނީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތާއި، އިޤްތިޞާދު ފުޅާވަމުންދާކަމެވެ.