ޚަބަރު

ޕީޕީއެމް ޖަގަހައިގަ ރޯކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި


ޕީޕީއެމް ޖަގަހަ، "ރުމާލު 2" ގައި ރޯކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ރޯކުރި މައްސަލައިގައި އުމުރުން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ޕީޕީއެމުން މާލޭގައި ބާއްވާ ޖަލްސާތަކާއި ޕީޕީއެމްގެ ގިނަ ހަރަކާތްތައް ބާއްވާ "ރުމާލު 2" ޖަގަހައިގައި ރޯކުރީ މާރިޗު މަހުގެ 25 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ރުމާލު 2 ޖަގަހައިގެ ސްޓޭޖް މައްޗަށް ޕެޓްރޯލްއަޅާ އަލިފާން ރޯކުރުމާއި ގުޅިގެން އެތަނުގެ ސްޓޭޖާއި ޕޯޑިއަމް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި ޖަގަހައިގެ 1 ވަނަ ފަންގިފިލާއަށްވެސް އަލިފާނުގެ ސަބަބުން ގެއްލުންވެފައިވާކަމަށް ޕީޕީއެމުން ބުނެއެވެ. އަދި އެތަނުގައި އަލިފާން ރޯކުރީ ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން އެކަކު އެތަނަށް ވަދެ، ސެކިއުރިޓީ ގާޑަށް ބިރުދެއްކުމަށްފަހު ކަމަށާއި އެ މީހާ މަސައްކަތް ކުރީ ޖަގަހައިގެ އެއްވަނަ ފަންގިފިލާގައި ހިންގަމުން އަންނަ ޕީޕީއެމްގެ ޝޯޝަލް މީޑިއާގެ އޮފީހުގައި ރޯކުރުމަށްކަމަށް ޕީޕީއެމުން ކުރިން ވަނީ ބުނެފައިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ފުލުހުން ޢާންމުކޮށްފައެއް ނުވެއެވެ.