ޚަބަރު

ރިޔާސީ އިންތިޚާބުގެ މަޢުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތާކާ ބައްދަލުކުރަނީ


ރިޔާސީ އިންތިޚާބާ ބެހޭ މަޢުލޫމާތު ސިޔާސީ ޕާޓީތަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ބައްދަލުކުރަން ނިންމައިފިއެވެ. މާދަމާ ބާއްވަން ނިންމާފައިވާ މިބައްދަލުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދަޢުވަތު ދީފައެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކުން ދަޢުވަތު ޤަބޫލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮންމެ ޕާޓީއަކުންވެސް ހަތަރު މީހުންނަށްކަމަށާއި ބައްދަލުވުން އޮންނާނީ ހެނދުނު ދިހައެއް ޖަހާއިރު އިލެކްޝަން ކޮމިޝަނުގަ ކަމަށެވެ.

"އިންސާފުވެރިކަމާއެކު އިންތިޚާބު ކުރިއަށްގެންދިއުމަށް އަބަދުވެސް ކުރާކަމަކީ ޤާނޫނާ ޤަވާއިދާއި އެއްގޮތަށް ހުރިހާކަމެއްވެސް ކުރިއަށް ގެންދިއުން. އެގޮތުން ޕާޓީތަކާއެކު އިންތިޚާބުގެ ކަންކަން މަޝްވަރާކުރަމުން ގެންދާނަން" އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކާއެކު އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަކަމަށާއި، ޕާޓީތަކުގެ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން އަބަދުވެސް ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރާކަމަށެވެ. ކުރީގެ އިންތިޚާބުތަކެކޭ އެއްފަދައިން މިފަަހަރުގެ އިންތިޚާބުގައިވެސް ކޮމިޝަނަށް ޕާޓީތަކުން އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.