ޚަބަރު

ހިއުމަން ޓްރެފިކިންގގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރެވިދާނެ- މިނިސްޓަރ


 


 


ހިއުމަން ޓްރެފިކިންގ ދާއިރާއިން ޤާނޫނީ ނިޒާމް ހަރުދަނާ ކުރުމަށް މިހާރު ކުރެވޭ މަސައްކަތް ތަކުން ރާއްޖޭގެ ހިއުމަން ޓްރެފިކިންގގެ ހާލަތު މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ކުރިޔަށްއޮތް ތަނުގައި ބަދަލުކުރެވިދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޔޫތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.


 
ޔޫތްއެންޑް ސްޕޯޓްސް މިނިސްޓަރ މިހެން ވިދާޅުވީ ހިއުމަން ޓްރެފިކިންގ ހުއްޓުވުމުގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކުރެވޭ މަސައްކަތް ތަކުގެ ދަށުން ޤާނޫނުގެ ދަށުން ހަދަންޖެހޭ އުސޫލްތައް ފައިނަލް ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ވޯކިން ސެޝަން ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ފުޅުދައްކަވަމުންނެވެ.


 
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ގައުމު ތަކުގެ ހިއުމަން ޓްރެފިކިންގެ ހާލަތަށް ބަލާ ގައުމުތައް ލިސްޓްކުރާއިރު  ދިވެހިރާއްޖެ އަދިވެސް ހިމެނެނީ ޓަޔަރ ދޭއްގެ ވޮޗްލިސްޓްގައިކަން ފާހަގަކުރައްވާ، ރާއްޖެއިން މިހާލަތު ބަދަލު ކުރަންޖެހޭ ކަމަށް  މިނިސްޓަރ ވިދާޅުވިއެވެ.


އަދި މިހާރު ކުރެވޭ މަސައްކަތް ތަކުން ރާއްޖޭގެ ނަން ޓަޔަރ ދޭއްގެ ވޮޗް ލިސްޓުން ކަނޑާލެވޭވަރުވީ ނަމަވެސް އެއީވެސް މިދާއިރާއިން ލިބޭ ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
ހިއުމަންޓްރެފިކިން ހުއްޓުމުގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ސާދަ އިދާރާއެއް ތަމްޞީލްކުރާ ސްޓިއަރިން ކޮމެޓީއެއް އެކުލަވާލާ، ޤާނޫގެ ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ޔޫތުމިނިސްޓްރީން މައުލޫމާތުދެއެވެ.