މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދިނުމަށް ނިންމަވައިފިއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ކަސްޓަމަރުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެންބަރ 2024ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ. ޖޫރިމަނާ މަޢާފްކޮށްދެވޭނީ މިމުއްދަތުގައި ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ 01 މޭ 2025 އިން ފެށިގެން 31 ޑިސެންބަރ 2025 އާއި ދެމެދު އެއްކޮށް ދައްކާ ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
މީގެއިތުރުން، މިމުއްދަތުގެ ތެރޭގައި ހިމެނޭ ބިލްތަކަށް އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް އެއިންތިޒާމް ހަމަޖައްސައިދޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ. ނަމަވެސް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ފަރާތްތަކަށް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.
އެމްޑަބްލިޔުއެސްސީންވަނީ ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް މިފުރުސަތުގެ ބޭނުން ހިފުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަމުން ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި މިކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން އެއެހީތެރިކަން ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި 1050 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރުމުންވެސް އެއެހީތެރިކަން ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.