ޔުވެންޓަސްގެ ސަޕޯޓަރުންވެސް އެލަނޑަކަށް ތަރުހީބުދިން ރޮނާލްޑޯގެ ހިތްގައިމު ލަނޑާއެކު ރެއާލް މެޑްރިޑް ޔުވެންޓަސްގެ މައްޗަށް ކުރިހޯދައިފިއެވެ.
ޔުއެފްއާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރޭ ޔުވެންޓަސް ދަނޑުގައި ރެއާލް ޔުވެންޓަސްގެ މައްޗަށް ކުރި ހޯދީ 3-0 ނެވެ.
މިމެޗުގައި ރެއާލްއިން ޖެހި ފުރަތަމަ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ޔުވެންޓަސް ކޮޅަށް ދެލަނޑު ޖަހައިގެން ރެއާލްއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިންފަހުން ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހާފައެވެ.
މިއާއެކު ރޮނާލްޑޯ ވެގެންގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގައި ޖެހި ޖެހިގެން ކުޅުނު 10 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާއަށެވެ.
ރޭގެ މެޗުގައި ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރެއާލްގެ ވައިސް ކެޕްޓަން މާސެލޯއެވެ.
މިމެޗުގައި ޔުވެންޓަސްގެ އެންމެ މުހިއްމު ކުޅުންތެރިއާގެ ގޮތުގައި ބެލެވޭ އާޖެންޓީނާގެ ޒުވާން ފޯވާޑް ޕައުލޯ ޑިބާލާއަށް ވަނީ ދެ ރީނދޫކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި ޔުވެންޓަސް ތިން ލަނޑުގެ ލީޑު އަނބުރާލަން ނިކުންނަން ޖެހޭނީ ޑިބާލާ އާއި ނުލައެވެ.