ޚަބަރު

ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދަށް މުސާރަ ނުލިބޭ ގޮތަށް ހަދައިފި


ޓެރަރިޒަމްގެ ދަޢުވާ އުފުލާ ހައްޔަރުކޮށްފައިވާ ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

މިދެމީހުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމީ ފަނޑިޔާރުންގެ ޤާނޫނަށް ދާދިި ފަހުން ގެނައި އިސްލާޙުގެ ދަށުންނެވެ. ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާޙުގައި ބުނެފައިވަނީ ޖިނާޢީ ދަޢުވާ އުފުލޭ ޙާލަތުގައި ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށެވެ. މީގެ ކުރިން ޖޭއެސްސީއިން ޢަބްދުﷲ ސަޢީދުއާއި ޢަލީ ހަމީދު ސަސްޕެންޑު ކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިޞްލާހުގައި ބުނެފައިވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެ ހުކުމެއް ކަނޑައެޅޭ ވަގުތުންފެށިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެ ކަމަށެވެ. އަދި އެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާޢީ ކުށަކާ ގުޅިގެން ދަށު ކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތުއުނާފު ކުރުމަށް ހުށައެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމާ ތާރީޚުން ފެށިގެން ދިހަ ދުވަސްކަމަށްވެސް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ހުކުމް އިސްތިއުނާފްކުރުމަށް އެ ފަނޑިޔާރެއްގެ ފަރާތުން ހުށައަޅައިފިނަމަ އެ މައްސަލައެއް ހުށައަޅާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އެ މައްސަލައެއްބަލާ ގޮތެއް ނިންމަންވާނެކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޢަބްދުﷲ ސަޢީދާއި ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދަޢުވާއާއި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއާއި ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

ނަޒީރު

އަދިވެސް އެ މަގާމުގައި އެ ތިބީ، އެހެންވީމަ އެ މީހުނޭ ކިޔާ މުހާތަބެއް ނުކުރެވޭނެ، އެއީ އަދިވެސް ދައުލަތުގެ އުއްތަމަ ފަނޑިޔާރު