ކުޅިވަރު

ތަށި ހޯދުމަށް ފްރާންސް އެކުވެރިވާންވެއްޖެ: ޕޮގްބާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފްރާންސަށް ކާމިޔާބު ކުރެވޭނީ މުޅި ޤައުމު އެކުވެރިވެގެން ކަމަށް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިޔާ ބުނީ ފްރާންސްގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށާއި، ނަމަވެސް މޮޅު ކުޅުންތެރިން ތިބުމަކީ ތަށި ލިބޭނެ ސަބަބެއްނޫން ކަމަށެވެ.
"އަހަރުމެންނަށް ބޭނުންވަނީ ފްރާންސްގެ އެންމެންގެ ސަޕޯޓް. އެކަށީގެންވާ ވަރަށް އާއްމުންގެ ފަރާތުން ޓީމަށް ތަރުހީބެއް ނުލިބޭ. ފާޑުކިއުމެއްނޫން އަބަދު ކުރަންވީ ކަމަކީ. އެންމެން ގައުމީ ޓީމުގެ ފަހަތުގައި ތިބެގެންނޫނީ ތަށި ހޯދަން އުނދަގޫވާނެ. ފްރާންސްގައި މިހާރު އޮތް ޖީލަކީ މޮޅު ކުޅުންތެރިން ގިނަ ވަރުގަދަ ޓީމެއް،" ޕޮގްބާ ބުންޏެވެ.
އޭނާ ބުނީ އާއްމު ރައްޔިތުންގެ އިތުރުން ފްރާންސްގެ ނޫސްވެރިން ވެސް މިހާރަށްވުރެ ބޮޑަށް ގައުމީ ޓީމަށް ސަޕޯޓް ދޭންޖެހޭ ކަމަށެވެ.
"ނޫސްވެރިން އެމީހުންގެ ވަޒީފާ އަދާކުރަންވާނެ. އެކަމަކު އަބަދު ފާޑުކިއުމަކީ ވެސް ރަނގަޅު ގޮތެއްނޫން. އަހަރުމެން ބަލިވީމަ އެމީހުން ބުނާނެ ގޯހޭ. އެއީ އެމީހުންގެ ވަޒީފާ. އެކަމާ އަޅާނުލައި ކުޅުންތެރިން ވެސް ވިސްނުން ޕޮޒިޓިބް ކުރަންޖެހޭ. އާއްމުންވެސް ތިބެންވީ ޕޮޒިޓިވްކޮށް،" ޕޮގްބާ ބުންޏެވެ.
އޭނާ ބުނީ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ފްރާންސްގެ ނަތިޖާތައް ރަނގަޅު ކަމަށާއި، ނަމަވެސް އެންމެ ވަރުގަދަނޫން ގައުމުތަކަ ދެކޮޅަށް ރަނގަޅު ނަތީޖާ ނުނެރެވެނީ ކޮންމެވެސް ކަމެއް ގޯސްވާތީކަން އެންމެންވެސް ޤަބޫލުކުރަންޖެހޭ ކަމަށެވެ.