ކުޅިވަރު

އަޝްފާޤުގެ މޮޅު ކުޅުމުން ޔޫވީ ބަލިކޮށް، ނިއު މަޤާމް ދަމަހައްޓައިފި


ގުއިލެމް މާޓީ އަދި އަލީ އަޝްފާގް ކާމިޔާބުކޮށްދިން ގޯލުތަކުން މޮޅުވެ، ނިއުރޭޑިއަންޓް މާލޭ ލީގު ތާވަލްގެ އެއްވަނަ ދަމަހައްޓައިފިއެވެ.
އެސްޓީއޯ މާލޭ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ނިއު ކުރި ހޯދީ 4-1 ލަނޑުންނެވެ. މެޗުގައި ނިއުގެ ފުރަތަމަ ދެ ލަނޑު ގުއިލެމް މާޓީ ޖެހީ އަލީ އަޝްފާޤު ތަނަވަސްކޮށްދިން ދެ ފުރުޞަތުންނެވެ. ހެޓްރިކް ހެދުމަށް އޭނާއަށް އަޝްފާޤު އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިން ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އޭގެ ތެރޭގައި ކީޕަރު ކައިރިން ނެއްޓުމަށްފަހު ދިން ފަހިކޮށްދިން ފުރުޞަތުވެސް ހިމެނެއެވެ.
ފުރަތަމަ ލަނޑު ހަވަނަ މިނިޓްގައި ގުއިލެމް މާޓީ ކާމިޔާބުކުރީ އަލީ އަޝްފާގް ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ނިއުރޭޑިއަންޓަށް ގުއިލެމް މާޓީ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސްމެއެވެ. ދެވަނަ ލަނޑުވެސް އޭނާ ކާމިޔާބުކުރީ އަޝްފާޤު މުޅިން ހުސްކޮށްލާފަ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާގެ ފަރަގު ފުޅާކުރުމަށް އަލީ ފާސިރު (ސެންޓޭ) އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. މެޗުގައި ކެޕްޓަން އަލީ އަޝްފާޤު ދެ ލަނޑު ޖެހީ ދެވަނަ ހާފްގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމާ ހަވާލުވުމަށްފަހު ނޫސްވެރިން ކައިރީ އަޝްފާޤު ބުނީ މޮޅު ހަދިޔާ ކުރަނީ ޤައުމީ ކޯޗު ޕީޓަރ ސެގާޓަށްކަމަށެވެ.
މި މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ލަނޑު ކެޕްޓަން ހުސެއިން ޝިމާޒު ކާމިޔާބުކުރީ ތަޖުރިބާކާރު ކީޕަރު އިމްރާން މުޙައްމަދު އަތުން ބޯޅަ ހޯދައިގެންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ، މި މެޗުގައި ނިއުރޭޑިއަންޓުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ވަރަށް ރަނގަޅު ކަމަށާއި، ނިއުކަހަލަ ޓީމެއް ކައިރިން މޮޅު ވެވޭނީ ބިރު ފަހަނައަޅައި ގޮސްގެންކަމަށެވެ. އަދި މި މެޗުގައި ޔޫވީއަށް ރަނގަޅު ކުޅުމެއްވެސް ނުދެއްކޭ ކަމަށާއި، އެކަމާ އެއްވެސް ވަރަކަށް އޭނާ ހާސްނުވާ ކަމަށެވެ.

"އަސްލު މި މެޗުގައި ނިއުގެ ފަރާތުން ފެނިގެންދިޔަ ކުޅުނު ހަމަ ފާހަގަކުރަން. ދެން އަޅުގަނޑުމެން އެބަ ޖެހޭ މެޗަކުން މޮޅުވާން ބޭނުމިއްޔާ ބިރުފަހަނަ އަޅާ ދާން. އެނޫން ގޮތަކަށް ނެތް މިކަން ވާކަތް. އަޅުގަނޑު އެއްވެސް ވަރަކަށް ހިތްހަމައެއްނުޖެހޭ މިރޭގެ މެޗުގައި ޓީމު ދެއްކި ކުޅުމާއި ދޭތެރޭއެއް." ނަޒީހު ބުންޏެވެ.

މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފު ލުތުފީ (ސަންޕަތު) ބުނީ، މެޗު ކުރިޔަށްދިޔައީ އެހާ ހިތްހަމަ ޖެހޭ ގޮތަކަށް ނޫން ކަމަށާއި، ނިއުއިން މި މެޗަށް ނިކުތީ ފާސްޓް ގޭމެއް ކުޅެން ކަމަށެވެ. އެހެން ނަމަވެސް ފެނިގެންދިޔައީ ވަރަށް ސްލޯ ކުޅުމެއް ކަމަށް ސަންޕަތު ބުންޏެވެ.

" މެޗާ ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭ. އެއީ އަޅުގަނޑުމެން އައީ ވަރަށް ފާސްޓް ގޭމެއް ކުޅެން، އެކަމަކު ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ސްލޯ ކުޅުމެއް. އަސްލު ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް ނުކުރެވުމުން ބޭނުންވާ ނަތީޖާއެއްވެސް ނޫން މި ނުކުތީކީ މި މެޗުން. ދެން މިރޭގެ މެޗުގައި ނިއުއަށް ދެ ލަނޑު ކާމިޔާބުކޮށްދިން ގުއިލެން މާޓީގެ ކުޅުން ފާހަގަކުރަން، އެހެންނަމަވެސް އޭނާގެ ފަރާތުންވެސް އަސްލު ބޭނުންވާ ކުޅުމެއް އަދިވެސް ނުފެނޭ. ކުރިޔަށް އޮތްތާ ފެންނާނެކަމަށް މި ބަލަނީ ދެން". ސަންޕަތު ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ސަސްޕެންޝަންގައި ހުރުމުގެ ސަބަބުން މި މެޗުގައި، ނިއުއަށް އިރުޝާދުދިން ސަންޕަތު ބުނީ މެޗު ފެށުމުގެ ކުރިން ރެފްރީ ލައިގެން ހުރި ޖާޒީގެ ކުލަޔާ، ޔޫވީގެ ކީޕަރ ލައިގެން ހުރި ޖާޒީގެ ކުލަ އެއްގޮތްވުމުން އެފަދަ ކަންކަން ތަކުރާރު ނުވާފަދަ ގޮތަކަށް ކަންކަން ކުރިޔަށް ގެންދިޔުމަށް އެފް.އޭ.އެމްގެ ކިބައިން އެދޭކަމަށެވެ. ރޭގެ މެޗުގެ އަށްވަނަ މިނެޓުގައި ދަނޑުގައި ހުރި ހަތަރު ލައިޓް ސިސްޓަމްގެ ތެރެއިން އެއް ލައިޓް ސިސްޓަމް ނިވުމުގެ ސަބަބުން މެޗުގެ ކުޅުނު ހަތް މިނެޓަށް މެދު ކަނޑާލިއެވެ. މެޗުގެ ކުޅުނު އަލުން ފެށީ، ލައިޓް ސިސްޓަމް ރަނގަޅު ކުރުމަށްފަހުއެވެ. އަދި މެޗު ފެށުމަށްޓަކައި ދެ ޓީމު ދަނޑަށް އެރިފަހުން، ޔުނައިޓެޑް ވިކްޓްރީގެ ގޯލު ކީޕަރ ލައިގެން ހުރި ޖާޒީގެ ކުލައާއި، ރެފްރީން ލައިގެން ތިބި ޖާޒީގެ ކުލަ އެއްގޮތްވުމުން، ޔުނައިޓެޑް ވިކްޓްރީން މައްސަލަ ޖެއްސުމުން އެކަން ހައްލުކުރަމަށްޓަކައިވެސް މެޗު މެނދުކަނޑާލިއެވެ. އެންމެ ފަހުން މެޗު ފެށީ ރެފްރީން ލައިގެން ތިބި ޖާޒީ ބަދަލުކޮށްގެންނެވެ.