ކުޅިވަރު

ޔުވެންޓަސް އަށް ނޫނެކޭ ނުބުނެވޭނެ، ރެއާލްގައި ހުރީ އުފަލުން: ޒިދާން


އިޓަލީގެ ޔުވެންޓަސްގެ ކޯޗެއްގެ ގޮތުގައި ވެސް ފެނިދާނެ ކަމަށާއި، ނަމަވެސް ރެއާލް މެޑްރިޑުގައި ހުރީ އުފަލުން ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މިރޭ ޒިދާން ކުޅުނު ދެ ޓީމު ބައްދަލުކުރާއިރު އޭނާގެ ހުރިހާ ވެސް އުއްމީދެއް އޮތީ ފާއިތުވެދިޔަ ދެ އަހަރު ރެއާލްއަށް ހޯދައިދިން ތަށި ދިފާއު ކުރުމަށް ޔުވެންޓަސް ބަލިކުރުމެވެ.
"ޔުވެންޓަސް އަށް ކޯޗުކޮށްނުދޭނަމޭ ނުބުނެވޭނެ. ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ. އެކަމަކު އަހަރެން މިވަގުތު ހުރި ތަނުގައި އަހަރެން މިހުރީ ވަރަށް އުފަލުން،" 1996 އިން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ޔުވެންޓަސްއަށް ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.
ދުނިޔެގެ ރެކޯޑް ފީއަކަށް ރެއާލްއަށް ބަދަލުވި ޒިދާން ވަނީ ޔުވެންޓަސްގައި އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާ އުއްމީދުކުރަނީ ހުސްވި އަހަރު ޔުވެންޓަސް ބަލިކުރި ގޮތަށް މި ފަހަރު ވެސް އެކަން ތަކުރާރުކުރާށެވެ.
ނަމަވެސް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ އޭނާގެ ޓީމު ނުކުންނަނީ ޔޫރަޕުގެ ޗެމްޕިއަނާ ދެކޮޅަށް ކަަމަށާއި، ވަރަށް ފަރުވާތެރިވެއްޖެނަމަ މެޗު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
މިއީ މި ދެ ޓީމު ޔޫރަޕުގެ މުބާރާތްތަކުގައި ބައްދަލުކުރާ 20 ވަނަ ފަަހަރެވެ. ރެއާލް 9 ފަހަރު މޮޅުވެފައިވާއިރު ޔުވެންޓަސް މޮޅުވެފައިވަނީ އަށް ފަހަރު އެވެ.