ޚަބަރު

ހިންމަފުށީގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


މާލެއަތޮޅު ހިންމަފުށީގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ، ޠާރިޤު އިބްރާހީމް ފަށްޓަވައިދެއްވައިފިއެވެ.
މިއީ އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫއެކެވެ. ހިންމަފުށީގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން، ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 ޖޫން 2017 ގައެވެ. މިމަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައި.ޑީ.ބީގެ ލޯނު އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ޖުމްލަ އަގު ސާޅީސްފަސް މިލިއަނަށްވުރެ މައްޗަށް އަރައެވެ.
މި މަޝްރޫޢަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ކ.ހިންމަފުށީގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއިއެކު މި ނިޒާމު ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ޤާއިމުކުރެވޭނެއެވެ.