ދުނިޔެ

އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް- އުރުދުޣާން


މިދިޔަ ހުކުރު ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށް ދިޔަ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކަށް ތުރުކީވިލާތުން އިސްރާއީލަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކޮށްފިއެވެ.
އެގޮތުން، އިސްތަންބުލްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވީ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާ އިސްރާއީލުގެ ފައުޖުތަކުން ޢަމަލުކުރާ ގޮތުން އެކަން ސާބިތުވެއްޖެ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ޤައުމަކުން އިސްރާއީލަށް އިހްތިރާމް ނުކުރާ ކަމަށާ އިސްރާއީލަކީ އިސްތިޢުމާރީ ވެރިކަމެއް ކުރަމުންދާ ޤައުމެއް ކަމަށާ އެގައުމުގެ އިސްތިޢުމާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި އިސްރާއީލުން ހަރަކާތްތެރިވަމުންދާ ކަމީ އިސްރާއީލަކީ ޓެރަރިސްޓް ޤައުމެއްކަން ހާމަވާ ކަމެއް ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާންގެ ހަރުކަށި އިބާރާތްތައް އިސްރާއީލަށް އަމާޒުވެފައި މިވަނީ މިދިޔަ ހުކުރު ދުވަހު ފަލަސްޠީނުގެ ޣައްޒާއާ އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ އެތައް ހާސް ބަޔަކަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރީ ފައުޖުތަކުން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 15 މީހުން ޝަހީދުވެފައިވާ ދަނޑިވަޅެއްގައެވެ.