ދުނިޔެ

އެމެރިކާގެ އުފެއްދުންތަކުން ޑިއުޓީ ބޮޑުކުރަން ޗައިނާއިން ނިންމައިފި


އެމެރިކާއަށް އެތެރެކުރާ ޗައިނާގެ ދަގަނޑާއި އެލްމެނިއަމްގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރަން އެމެރިކާއިން ނިންމުމުން އެކަމުގެ ރައްދުގައި އެމެރިކާގެ އުފެއްދުންތަކުން ޑިއުޓީ ބޮޑުކުރަން ޗައިނާއިން ނިންމައިފިއެވެ.
ޗައިނާގެ މާލީ ވުޒާރާއިން ބުނީ އެޤައުމަށް އެތެރެކުރާ އެމެރިކާގެ އުފެއްދުންތަކުގެ ތެރެއިން ސަތޭކަ އަށާވީސް އުފެއްދުމަކުން ޑިއުޓީ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ނިންމީ އެޤައުމަށް އެތެރެކުރާ އެމެރިކާގެ އުފެއްދުންތަކުން ފަނަރަ އިންސައްތައާ ފަންސަވީސް އިންސައްތައާ ދެމެދުގެ މިންވަރަކަށް ޑިއުޓީ ބޮޑުކުރުމަށެވެ.
ޗައިނާއަށް އެތެރެކުރާ އެމެރިކާގެ މުދަލުން ބޮޑުކުރި ޑިއުޓީން އަހަރެއްގެ މައްޗަށް ތިން ބިލިޔަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ޗައިނާއަށް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.
ޑިއުޓީ ބޮޑުކުރަން ޗައިނާއިން ނިންމި އެމެރިކާގެ އުފެއްދުންތަކުގެ ތެރޭގައި ސިނާއީ އުފެއްދުންތަކާ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އިތުރުން ކެމިކަލް އުފެއްދުންތައް ހިމެނެއެވެ. ދަނޑުވެރި އުފެއްދުންތަކުގެ ތެރޭގައި މޭވާއާ މޭވާގެ އުފެއްދުންތަކާ އޫރުމަހާ އެމަހުގެ އުފެއްދުންތައް ހިމެނެއެވެ.
ޗައިނާގެ މިނިންމުމާ ގުޅިގެން އެމެރިކާގެ މިއުފެއްދުންތަކުގެ އަގު ޗައިނާގެ ބާޒާރުތަކުގައި ބޮޑުވެގެންދާނެއެވެ.
ޗައިނާގެ ބާޒާރުތަކުގައި ހުންނަ އެމެރިކާގެ މިބާވަތުގެ އުފެއްދުންތައް އެހެން ތަކެއްޗަށްވުރެ އަގުބޮޑުވެގެން ދިޔުމުން އެތަކެތި ނުވިކިދާނެ ކަމުގެ ބިރު އޮންނާނެއެވެ.
އެމެރިކާއަށް އެތެރެކުރާ ޗައިނާގެ ދަގަނޑާ އެލްމެނިޔަމްގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރަން މިދިޔަ މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން ޗައިނާއިން ވަނީ އެކަމަށް ބަދަލުހިފާނެ ކަމަށާ ވިޔަފާރީގެ ހަނގުރާމައަކީ އެއްވެސް ފަރާތަކަށް ކާމިޔާބު ނުލިބޭނެ ހަނގުރާމައެއް ކަމަށް ބުނެފައެވެ.
އަދި އެމެރިކާ ނިންމި ނިންމުމުގެ ރައްދުގައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް މިދިޔަމަހު ޗައިނާއިން ދީފައިވެއެވެ.
އެމެރިކާއަށް އެތެރެކުރާ ޗައިނާގެ ދަގަނޑާ އެލްމެނިޔަމްގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރަން ޓްރަމްޕް ނިންމެވީ އެމެރިކާގެ ކުންފުނިތަކުގެ ފިކުރީ އުފެއްދުންތަކުގެ ކޮޕީތައް ޗައިނާގެ ކުންފުނިތަކުން ހަދާ އެމެރިކާގެ ފިކުރީ ހައްގުތަކަށް އަރައިގަންނާތީ ކަމަށާ މިކަމުގެ ސަބަބުން އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ ގެއްލުން އެމެރިކާގެ ކުންފުނިތަކަށް ލިބޭ ކަމަށް އެޤައުމުން ބުނެފައިވެއެވެ.
ނަމަވެސް ޗައިނާއިން އެކަން ދޮގުކުރެއެވެ.ޗައިނާއަކީ އެމެރިކާއިން އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ޓްރަޜަރީ ބޮންޑާ ބިލް ގަނެފައިވާ ޤައުމަކަށްވެފާ އެމެރިކާއަށްވުރެ ޗައިނާގެ މާލީ ޙާލަތު އެތައް ގުނައެއް ރަގަޅުވުމާއެކު ޗައިނާގެ ވިޔަފާރީގެ ސާޕްލަސް މަތިކަމުން ޑިއުޓީ ބޮޑުކުރުމަށް ދެޤައުމުން ނިންމި ނިންމުމުގެ ގެއްލުން ބޮޑަށްވާނީ އެމެރިކާއަށް ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ޗައިނާގެ ދަގަނޑާ އެލްމިނިޔަމުން ޑިއުޓީ ނަގަން އެމެރިކާ ނިންމި ނިންމުމުގެ ހަޤީޤީ ބޭނުމަކީ ޗައިނާއިން އެމެރިކާގެ އިގްތިޞާދާ އަރާ ފައިހަމަކުރަމުން ގެންދާތީ ޗައިނާގެ އިގްތިޞާދަށް ލޮޅުން އަރުވާލުން ކަމަށް ޗައިނާ ބުނެއެވެ.
ނަމަވެސް ޗައިނާގެ އިގްތިޞާދީ ކުރިއެރުމަށް ލޮޅުންއަރުވާލުމަކީ ޗައިނާގެ އިގްތިޞާދު މިހާރުއޮތް ބާރުގަދަ ޙާލަތުގެ ސަބަބުން އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ތަޖްރިބާކާރުން ދެކެއެވެ.