ދުނިޔެ

ކަނޑު ހުރަސްކޮށް ބިނާކޮށްފައިވާ އެންމެ ދިގު ބްރިޖު ޗައިނާގައި!


ކަނޑު ހުރަސްކޮށް ބިނާކޮށްފައިވާ އެންމެ ދިގު ބްރިޖު ހުޅުވުމަށް ޗައިނާއިން ތައްޔާރުވެއްޖެއެވެ.
ޗައިނާގައި ބިނާކޮށްފައިވާ މިބްރިޖަކީ، ޗައިނާއާއި ހޮންކޮންގ އަދި މަކާއޯ ގުޅުވާލަދޭނެ ބްރިޖެކެވެ. ބްރިޖުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ބްރިޖު ބިނާކުރުމަށް 8 އަހަރު ހޭދަވިއެވެ. ދިގު މިނުގައި 55 ކިލޯ މީޓަރު ހުންނަ ބްރިޖުގައި ވެހިކަލްތައް ދުއްވުމަށް 6 ލޭނެއް އޮވެއެވެ.

ބްރިޖާއި ގުޅުވައިގެން ހަތަރު ރަށެއް ހިއްކާފައިވާއިރު، މިބްރިޖުގައި 4 ޓަނަލެއް ހުންނާނެއެވެ.
ދުނިޔޭގެ 14 ޤައުމަކުން ތަޖުރިބާކާރުންނާއި މަސައްކަތްތެރިން ހަރަކާތްތެރިވި މިމަޝްރޫޢަށް 20 ބިލިއަން ޑޮލަރު ހޭދަވިއެވެ.
ބްރިޖު ބިނާކޮށްފައިވަނީ ފްރާންސްގެ މަޝްހޫރު އެއިފްލް ޓަވަރުގެ 60 ޓަވަރު ބިނާކުރުމަށް ބޭނުންވާ މިންވަރަށްވުރެވެސް ގިނަ ދަގަނޑުންނެވެ.

ދުވާލަކު 40 ހާސް ވެހިކަލް މިބުރިޖް ބޭނުންކުރާނެކަމަށް ލަފާކުރާއިރު، މިބްރިޖާއެކު، ޗައިނާ، މަކާއޯ އަދި ހޮންކޮންގއާ ދެމެދު ކުރާ ދަތުރުތައް 3 ގަޑިއިރުން، ގަޑިއިރަކަށްވުރެ މަދު ވަގުތުކޮޅަކަށް ކުޑަވާނެއެވެ.
ބްރިޖުގެ މަސައްކަތް ނިންމާ، ބައިނަލްއަޤްވާމީ މީޑިއާއަށް ބްރިޖު ދައްކާލާފައިވާއިރު، ބްރިޖު ހުޅުވާނެ ދުވަހެއް ރަސްމީކޮށް ނިންމާފައެއްނުވެއެވެ.
ނަމަވެސް މިއަހަރު ފަހުކޮޅު މިބްރިޖު ހުޅުވާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.