ޚަބަރު

އޮލިމްޕަސް ހިންގުމާއި ޕީއެސްއެމުން ހަވާލުވަނީ


ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިނަމާ އޮލިމްޕަސް ހިންގުމާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމުން ހަވާލުވާން ނިންމައިފިއެވެ. އޮލިމްޕަސް މިހާތަނަށް ހިންގަމުން އައީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އެންސީއޭ އިންނެވެ.
ޕީއެސްއެމްއިން ބުނީ އޮލިމްޕަސް ހިންގަން އެކުންފުނިން ފަށަނީ ރައީސް ޔާމީންގެ ޒުވާނުންގެ އެޖެންޑާ ތަންފީޒުކުރުމުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދައިދޭންކަމަށެވެ. އަދި ބައިނަލް އަޤްވާމީ ފެންވަރުގައި ފަންނުވެރިން ތަމްރީނުކޮށް މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކުރިން ނުލިބޭފަދަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެކަމަށްވެސް ޕީއެސްއެމުން ބުނެއެވެ.
ފުރަތަމަ އޮލިމްޕަސް ހުޅުވައި ދެއްވާފައިވަނީ، 1959 މޭ 21 ގައި އޭރުގެ ރަސްގެފާނު އައްސުލްތާން މުޙައްމަދު ފަރީދުލް އައްވަލް ކީރިތި މަހާރަދުންނެވެ. އިމާރާތް ބިނާކުރެވިފައިވަނީ ވަޒީރުލް އަޢުޡަމް ސާހިބުއްދައުލާ އިބްރާހީމް ނާޞިރު އަދި ކޮލި ޢަލީ އުމަރު މަނިކުގެ ދަށުންނެވެ. ބައިގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ އޮލިމްޕަސް ސިނަމާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑު ބަދަލަކާ އެކު އަލުން ހުޅުވީ 01 މާރޗް 2013 ގައެވެ.
ބޮޑެތި ބަދަލުތަކަކާ އެކު އޮލިމްޕަސް އަލުން ހުޅުވީ ތަނުގައި ބޭނުންކުރަމުންދިޔަ ގޮނޑިތައްވެސް ޒަމާނީ ގޮނޑިތަކަކަށް ބަދަލުކޮށް މުޅި ހޯލްވެސް އޭސީކުރުމަށްފަހުއެވެ.