މުނިފޫހިފިލުވުން

ދިވެހި އެފްއެމްއަށް 12 އަހަރު - ހީވާގި 8 ކަނބަލުންގެ މަސައްކަތް


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ އެފްއެމް ޗެނަލް، ދިވެހި އެފްއެމްއަށް މިއަދު 12 އަހަރު ފުރިއްޖެއެވެ. 12 އަހަރުގެ ޚިދުމަތް މިއަދު ފާހަގަކުރަމުންދާއިރު 24 ގަޑިއިރުގެ މި އެފްއެމް ރޭޑިއޯ ޗެނަލެއް ހިންގުމުގައި ޙަރަކާތްތެރިވަނީ އެންމެ 8 ކަނބަލުންނެވެ.
ދިވެހިއެފްއެމްގެ ޚިދުމަތް ފަށާފައިވަނީ 2006 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. ދިވެހި އެފް އެމް ފުރަތަމަ ފެށިގެންދިޔައީ ދިވެހި ރާއްޖޭގެ އަޑުގެ މިއުޒިކް ޗެނަލްގެ ގޮތުގައި، ރާއްޖެއެފްގެ ނަމުގައެވެ. އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރަން ފަށާފައިވަނީ ވަކި ގަޑިތަކެއް ކަނޑައަޅައި އެގަޑިތަކުގައި އެކަންޏެވެ. ޢާންމުންގެ މަޤްބޫލުކަމާއެކު އެފްއެމްގެ ޚިދުމަތް ފުޅާކޮށް، ތަރައްޤީކޮށް މިހާރު ކުރިއަށްގެންދާ ގޮތަށް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ދިވެހި އެފްއެމްގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ފަށާފައިވަނީ 2007 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 29 ގައެވެ. އެއަށްފަހު ޗެނަލް ރީބްރޭންޑްކޮށް ދިވެހިއެފްގެ ނަމަށް ބަދަލުކޮށް 2012 ވަނަ އަހަރުން ފެށިގެން އަންނަނީ ޚިދުމަތްދެމުންނެވެ.
ދިވެހި އެފްއެމްގެ 12 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދިވެހި އެފްއެމްގެ ޕްރެޒެންޓަރ އަދި ޕްރޮޑިއުސަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފާތިމަތު ޒައިނާ ވިދާޅުވީ ދިވެހި އެފްއެމްއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެހުންތެރިންނާއި ގުޅިގެން އެހުންތެރިން ބޭނުންވާނެފަދަ ގޮތަށް ޕްރޮގުރާމްތައް ކުރިއަށްގެންދިއުމަށްކަމަށެވެ. އަދި 12 އަހަރުގެ ދިގު ތާރީޙްގައި ދިވެހި އެފްއެމްއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެހުންތެރިން ދެގޮތެއްނުވެ ދިވެހި އެފްއެމްއާއެކު ތިބުމާއި، އެހުންތެރިންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުކަމަށް ޒައިނާ ވިދާޅުވިއެވެ.

"
"12 އަހަރު ފުރިގެންދިޔައިރު އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީހާވެސް ބޮޑަށް އެހުންތެރިންނާއި ގުޅިގެން، އެހުންތެރިން ބޭނުންވާފަދަ، އެހުންތެރިން އެދޭފަދަ ތަފާތު ޕްރޮގުރާމްތަކެއް ގެނެސްދެވޭތޯ."
ފާޠިމަތު ޒައިނާ

ދިވެހި އެފްއެމްއަކީ މުނިފޫހި ފިލުވުމުގެ ތެރެއިން ޒުވާނުންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި މެސެޖްތައްވެސް ދެމުންދާ ޗެނަލެކެވެ. ދިވެހި އެފްއެމްގެ ޕްރޮގްރާމްތައް ޚާއްޞަކޮށްފައިވަނީ ދިވެހި މުޖްތަމަޢުގައިހުރި ތަފާތު އެކި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އެއްބާރުލުން ބޭނުންވާކަން އަންގައިދިނުމުގެ ގޮތުންނެވެ.
މިއުޒިކް ޗެނަލްއެއްގެ ގޮތުގައި އުފެއްދި ދިވެހި އެފް.އެމްއިން ރާއްޖެއާއި ރާއްޖޭން ބޭރުގެ މުނިފޫހި ފިލުވުމުގެ ދާއިރާއާ ގުޅުންހުރި އެކި ކަންކަމާ ގުޅޭ މަޢުލޫމާތުގެ އިތުރުން ތަފާތު ލަވަތައް ގެނެސްދެއެވެ. ރާއްޖޭގެ މިޔުޒިކީ ފަންނާނުންގެ މަސައްކަތްތަކާއި ކާމިޔާބީތައް ޢާންމުންނާ ހަމައަށް ގެނެސްދީ އެފަދަ ފަންނާނުންނަށް ހިތްވަރުދިނުމުގެ މުހިންމު ދައުރެއް ދިވެހިއެފްއެމުންދަނީ އަދާކުރަމުންނެވެ. އެފްއެމްއިން ގެނެސްދޭ ކޮންމެ ޕްރޮގުރާމަކީވެސް މުނިފޫހިފިލުވުން އެކުލެވޭނެފަދަ ގޮތަކަށް ތައްޔާރުކޮށް ގެނެސްދޭ ޕްރޮގުރާމްތަކެއްކަމަށް ދިވެހި އެފްއެމްއިން މައުލޫމާތުދެއެވެ.
ޚިދުމަތުގެ ބާރަ އަހަރު ފާހަގަކުރަމުންދާއިރު، 24 ގަޑިއިރު މުޅިރާއްޖެއަށް މި ޚިދުމަތް މިހާރުވަނީ ފުޅާކޮށްފައެވެ. 12 އަހަރު ފުރުމާއި ގުޅިގެން ދުވަހާއި ގުޅުންހުރި ޙާއްސަ ޕްރޮގުރާމްތަކެއް ދިވެހި އެފްއެމްއިން އަންނަނީ ގެނެސްދެމުންނެވެ.