ޚަބަރު

ތިން ރަށެއްގެ ނަރުދަމާ މަޝްރޫޢު ބަޔަކާ ޙަވާލުކޮށްފި


ފ. ބިލެތްދޫ، ރ. އިންނަމާދޫ އަދި ށ. ފީވަކުގެ ނަރުދަމާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ބަޔަކާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޠާރިޤް އިބްރާހީމެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިހާދެވެ.
މި މަޝްރޫޢުގެ ދަށުން ށ. ބިލެތްދޫ، ރ. އިންނަމާދޫ ، ށ. ފީވަކުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ޚަރަދުވާނީ ޖުމްލަ ސާޅީސް ދެ މިލިޔަން ހަތްސަތޭކަ އަށްޑިހަ ހަތްހާސް އަށްސަތޭކަ ފަންސާސް އަށް ރުފިޔާ ހަތްދިހަ ދެ ލާރިއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢަށް ޚަރަދުކުރަން ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ބަޖެޓުންނެވެ.
މި މަޝްރޫއުގެ ދަށުން ނަރުދަމާގެ ނެޓްވޯކް ގުޅައިދިނުމާއި، ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ނަރުދަމާ ގުޅައިދިނުމާއި ސީ އައުޓްފޯލް އަދި އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެޅުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަކީ ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައެވެ.