ޚަބަރު

މުދާ އުފުލާ ގަޑިތަކަށް ބަދަލުގެނައުމުން ވަރަށް ފަސޭހަ - ޢާންމުން


މާލޭގައި މުދާ އުފުލާ ގަޑިތަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮޓޯރިޓީން ބަދަލުގެނެސް އަލަށް އެކުލަވާލި އުސޫލަށް މިއަދު އަމަލުކުރަން ފެށުމުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބޮޑު ލުޔެއް ލިބިފައިވާކަމަށް އާންމުން ބުނެފިއެވެ.
މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި ބަރުމުދާ އުފުލުމުގެ ސަބަބުން އެކަމުގެ ޝަކުވާއަކީ އަބަދުވެސް އިވެމުންއަންނަ ޝަކުވާއެކެވެ. އެހެންކަމަމުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިން ވަނީ މުދާ އުފުލާ ގަޑިތަކުގެ އުސޫލަށް ބަދަލުތަކެއް ގެނެސް އަލަށް އެކުލަވާލި އުސޫލަށް އާދިއްތަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށައިފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފައިވާ ބަޔާނުގައިވަނީ މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުތަކާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލުގެ ވަގުތުތަކުގައި އުފުލުން މަނާކޮށްފައެވެ. އެ އޮތޯރިޓީން ބުނީ އާދިއްތަ ދުވަހުންފެށިގެން މާލޭގެ މަގުތަކުގައި މުދާ އުފުލޭނީ ހަވީރު 6:00 އިން އިން ހެނދުނު 6:00 އަށް ކަމަށެވެ.
ސްކޫލްތަކަށް ކުދިން ގެންދާ މީހުންނާއި އޮފީސްތަކަށްދާ މީހުންގެ އިތުރުން މަގުމަތި ބޭނުންކުރާ އާންމުން، އަލަށް މި ގެނައި ބަދަލުތަކާ ބެހޭގޮތުން ބުނީ މި ބަދަލުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށެވެ.
ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރިނަމަވެސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީންވަނީ ދީފައެވެ.
އެގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 މެންދުރު 11:00 އާ ހަމައަށެވެ. އަދި ހަވީރު 6:00 ހެނދުނު 6:00 ވެސް ކައްކަން ބޭނުންކުރާ ގޭސް ޑެލިވަރ ކުރެވޭނެކަމަށް އެ އޮޓޯރިޓީން ބުނެއެވެ.