ޚަބަރު

ހަފްތާއެއްގެ ޗުއްޓީއަށްފަހު ސްކޫލްތައް ހުޅުވައިފި


ފިލާވަޅުތައް މުޠާލިޔާ ކުރުމަށާއި ފުރަތަމަ ޓާރމްގެ ޓެސްޓަށް ތައްޔާރުވުމަށް ދަރިވަރުންނަށް ދިން އެއް ހަފްތާގެ ޗުއްޓީއަށްފަހު އަލުން ސްކޫލްތައް މިއަދު ހުޅުވައިފިއެވެ.
ފުރަތަމަ ޓާރމްގެ މިޑް ބްރޭކަށް ސްކޫލްތައް ބަންދުވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. ސްކޫލްތައް ޗުއްޓިއަށްދިޔުމުގެ ކުރިން ހުރިހާ ސްކޫލްތަކެއްގައި ވަނީ ތަޢުލީމާ ގުޅުންހުރި އެކި ހަރަކާތްތަކެއް ހިންގާފައެވެ. މީގެ އިތުރުން ކްލާސް ފެންވަރުގައާއި ސްކޫލްތަކުގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތަކެއް ހިންގާފައިވާއިރު ދުނިޔޭގެ ފެންވަރުގައާއި، ރާއްޖޭގައި ފާހަގަކުރާ ދުވަސްތައްވެސް ވަނީ ފާހަގަކޮށްފައެވެ.
ސްކޫލްތައް މިއަދު ކިޔަވައިދޭން ފަށާފައިވާއިރު ފުރަތަމ ޓާރމް ނިމުމުގެ ކުރިން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން މާލެގެ ސްކޫލްތަކުގެ އިތުރުން ބައެއްރަށްތަކުގެ ސްކޫލްތަކުގައި ސްކޫލްކުދިންގެ ކްރިކެޓް މުބާރާތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްކޫލްކުދިންގެ 20 ވަނަ ބާސްކެޓް ބޯޅަ މުބާރާތާއި އެކި ޢުމުރުފުރައިގެ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ ފުޓްބޯޅާ މުބާރާތްތަކާއި ސްކޫލްކުދިންގެ ހަތަރުވަނަ ހޭންޑް ބޯލް މުބާރާތްވެސް މި ޓާރމްގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޫލްތަކުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ބައިސިކަލް ޓޯނަމެންޓްވެސް މިޓާރމްގައި ބެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތަޢުލީމީ ހަރަކާތްތަކަށް ބަލާއިރު، ދަރިވަރުންނަށް ޚާއްސަކޮށްގެން މަދަހަ މުބާރާތެއްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަމް މިނިސްޓްރީން ބުނެއެވެ.
ފުރަތަމަ ޓާރމްގެ ބާކީހުރި ދުވަސްތަކުގައިވެސް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ފަހާގަ ކުރާ ދުވަސްތައް ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ.
ސްކޫލްތައް މިޑް ޓާމްއަށް ބަންދުވުމަށްފަހު ކިޔަވައިދޭން ފަށާފައިވާއިރު ފުރަތަމަ ޓާމުގެ ޓެސްޓު ފެށޭނީ މެއި މަހުގެ 13 ވަނަދުވަހުއެވެ. ޓެސްޓަށް ފަހު ފުރަތަމަ ޓާމު ބަންދު ވާނީ 7 ޖޫންގައެވެ.
މިއަހަރުގެ ދެވަނަ ޓަރމް ފެށޭއިރު ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންގެ އަތުގައި ޑެބްލެޓެއް އޮންނާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް އަންނަނީ ސްކޫތަކަށް ޓެބްލެޓްތައް ފޮނުވުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ ގޮތުން މުދަރިއްސުން ތަމްރީން ކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ޓެބްލެޓްތައް ވަރަށް އަވަހަށް ސްކޫލްތަކަށް ފޮނުވާނެކަމަށެވެ.
81000 ދަރިވަރުންނާއެކު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުންފެށީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މީގެ ތެރޭގައި މިއަހަރު ޕްރީ ސްކޫލާ އަލަށްގުޅުނު 7600 ދަރިވަރުންނާއި ގްރޭޑް އެކަކަށް ބަދަލުވި 7682 ދަރިވަރުން ހިމެނެއެވެ.