ޚަބަރު

ރާއްޖެއަށް ގެނައުން މަނާ ހަތިޔާރާމެދު ޢަމަލުކުރާނެ ޤަވާޢިދެއް ހަދަނީ


ރާއްޖެއަށް ގެނައުން މަނާ ހަތިޔާރާމެދު ޢަމަލުކުރާނެ ޤަވާޢިދެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ޕީއެސްއެމް ނިއުސްއާ ޙިއްޞާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުގައި ރާއްޖޭގެ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރާ ބޭރުގެ އުޅަނދު ފަހަރާއި، ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ އުޅަނދު ފަހަރުގައި ބަހައްޓާފައި ހުންނަ ރާއްޖެއަށް ގެނައުންމަނާ ހަތިޔާރާމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ފަށާފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި މުހިއްމު ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް ޤާނޫނުތައް ޑްރާފްޓު ކުރުމަށްފަހު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ވަނީ ސިފައިން ކުރާ ކުށްތައް ތަހްޤީޤްކޮށް ބެލުމަށް އަސްކަރީ ޢަދުލުގެ ނަމުގައި ބިލެއް ޑްރާފްޓްކޮށް އެބިލްވެސް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. އަދި ޤައުމީ ސަލާމަތުގެ ނަމުގައިވެސް ބިލެއް ޑްރާފްޓުކޮށްފައިވާއިރު ޒުވާނުންގެ މެދުގައި ޤައުމީ ރޫޙް އާލާ ކުރުމުގެ ބިލެއްވެސް ޑްރާފްޓް ކުރުމަށްފަހު އޭޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.
ޑިފެންސް މިނިސްޓްރީގެ ފަރާތުން މުހިއްމު ޤާނޫނުތަކެއް ހެދުމަށް ޑްރާފްޓުކޮށް އޭޖީ އޮފީހަށް ފޮނުވާފައިވާއިރު 2014ވަނަ އަހަރުގެ މާރޗް މަހުގެ ހަވަނަ ދުވަހު ސަރުކާރުން ވަނީ މިފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާ އިފްތިތާޙްކޮށްފައެވެ. ލެޖިސްލޭޓިވް އެޖެންޑާގައި 2014 އިން 2018 އަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ 207 ބިލެއް ހިމަނާފައިވާއިރު މުޅިން އަލަށް އެކުލަވާލަން ނިންމާފައިވާ 98 ޤާނޫނެއްގެ ބިލާއި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިސްލާހު ގެނައުމަށް ނުވަތަ އުވާލުމަށް ބޭނުންވާ ޤާނޫނުތަކާ ގުޅޭ 108 ބިލެއް ހިމެނެއެވެ. މި އެޖެންޑާގައި ބިލްތައް ބަހާލާފައިވަނީ ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް އެ އަހަރެއްގައި ބިލްތައް ހުށަހެޅުމުގައި އިސްކަންދޭނެ ތަރުތީބެއް ކަނޑައަޅައި އެ ތަރުތީބުންނެވެ.